ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ނަމާއި ނިޝާން ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލުމުގެ އަމަލުތަކެއް ހިންގަމުންދާާތީ، އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގަމުންދާ އޮންލައިން ޕޭޖެއްގައި އޮތޯރިޓީގެ ނަމާއި، ނިޝާން އަދި އޮތޯރިޓީން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ އޮތޯރިޓީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާއި، އެ ޕޭޖުން އިންވެސްޓަރުންނާއި އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މީގެއިތުރުން، އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާއަތަކަށް ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށާއި، މުއާމަލާތްކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައިނުވާނެ ކަމަށްވެސް އެ އޮތޯރިޓީން ކަށަވަރުކޮށްދެއްވައެވެ.
ސީއެމްޑީއޭއިން އިތުރަށް ވިދާޅުވީ، ފޭސްބުކް ފަދަ މަންސަތަކުގައި ބަޔަކު ގަސްތުގައި އާންމުންނަށް އޮޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، އެފަދަ ޕޭޖުތަކާ މުއާމަލާތް ނުކުރުމަށާއި، އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް އިންވެސްޓަރުންނާއި އާންމުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ޕޭޖުތަކުގައި ޝާއިއުކުރާ މައުލޫމާތަށް ބިނާކޮށް އެއްވެސް އަމަލެއް ނުކުރުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.
މިފަދަ ނުރަނގަޅު އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް ސީއެމްޑީއޭއިން ވިދާޅުވިއެވެ. ކެޕިޓަލް މާކެޓާ ގުޅޭ ސައްހަ މައުލޫމާތާއި، ރަސްމީ އިއުލާންތަކުގެ އިތުރުން ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިސްޓު އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް cmda.gov.mv އިން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.