ކޮންމެ ކުއްޖެއްގެވެސް ޝަޚުސިއްޔަތު ބިނާކުރުމަށްޓަކައި ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިތުރުވެގެންދާ ފުރިހަމަ ސިފަތަކެއް ކަމަށާއި، އެކަމުގެ މުހިއްމުކަން އެންމެ ބޮޑަށް ހާމަވަނީ އިސްލާމްދީނުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރިސާލަތު ބާވާލެއްވުނު ކޮންމެ އުއްމަތަކަށްވެސް ފޮނުއްވި ނަބީބޭކަލުންނަކީ އެ ޤައުމެއްގެ އަހުލުވެރިންގެ ބަހުރުވައިން އެކަލާނގެ ރިސާލަތު އެންމެ ފުރިހަމައަށް ބަޔާންކޮށްދެވޭ ފަދަ ބަލާޣާތްތެރި ބޭކަލުންނެވެ.
މިސާލެއްގެ ގޮތުން މޫސާގެފާނުގެ ވާހަކަ ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ފިރުޢައުނުގެ ގާތަށް ﷲ އެކަލޭގެފާނު ފޮނުއްވުމަށް އަމުރުކުރެއްވި ހިނދު، ވާހަކަދެއްކުމުގައި އެކަލޭގެފާނަށްވުރެ އެކަލޭގެފާނުގެ އަޚް ހާރޫނުގެފާނު ފަޞާޙަތްތެރިކަން ބޮޑުކަމަށް ވިދާޅުވެ، އެހީތެރިއެއްގެ ގޮތުގައި ހާރޫނުގެފާނު ފޮނުއްވައިދެއްވުމަށް އެދިވަޑައިގަތުމުން ﷲ އެކަން ފަހިކޮށްދެއްވި ކަމަށެވެ. މިއީ ވާހަކަދެއްކުންތެރިކަމުގެ މުހިއްމުކަން އިންސާނުންނަށް ބަޔާންވެގެންދާ ވަރަށް ބޮޑު ހެއްކެއް ކަމަށާއި، ތިމާގެ ކިބައިގައި ވާހަކަދެއްކުމުގެ ހުނަރު ހުރުމަކީ މުހިއްމު ފުރުސަތުތައް ލިބިގެންދާނެ ކަމެއްކަން ކީރިތި ޤުރުއާނުން ސީދާ އެނގެން އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވާހަކަދެއްކުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ވަޒީރު ވަނީ ޚާއްޞަ 4 ކަމަކަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. އެއީ: ގިނަގިނައިން ފޮތް ކިޔުން، ތަޤުރީރުތައް އަޑުއެހުން، ވާހަކަދައްކަން ދަސްކުރުން އަދި ތަމްރީނު ހޯދުމެވެ.
"ބަލާޣާތްތެރިކަމަކީ ދީނުގައި މަތިވެރި ކަމެއް ދެވިފައިވާ ކަމެއް. ﷲގެ ދީނަށް ގޮވާލެއްވީ ކިޔުންތެރިކަމުގެ ތެރެއިން. ﷲ ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ. އެންމެ ފުރަތަމަ ބާވާލެއްވި 5 އާޔަތުގައިވެސް ކިޔުންތެރިކަން ބަޔާންކުރެއްވި،" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ވާހަކަދެއްކުމުގެ ހުނަރު ކުރިއަރުވައި، ބަހަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ބާއްވާ އަހަރީ މުބާރާތެކެވެ.