ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ދުނިޔެ ބަލައިގެންފައިވާ މުހިންމު ފަންނެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ވާހަކަދެއްކުމަކީ ފަންނެއްގެ ގޮތުގައި ދުނިޔެއަށް ހުށައެޅިފައިވާ އެއް ސަބަބަކީވެސް އެއީ ކޮންމެ މީހަކަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ. އަދި ބައެއްގެ ކުރިމަތީގައި ވާހަކަދައްކަން ތެދުވާ މީހާގެ ކިބައިގައި އެންމެ ފުރަތަމަ ކަމަކަށް އެކަން ކުރުމުގެ ހިތްވަރާއި ކެރުންތެރިކަން ހުންނަންޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ތަކުރީރުކުރުމުގެ މާނައަކީ ހަމައެކަނި އެއްޗެއް ދަސްކޮށްގެން ބައެއްގެ ކުރިމަތީގައި ބަސްތަކެއް އަމުނާލުން ނޫންކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެއީ އިންސާނާގެ ސިކުނޑީގައި ހިނގާ ފިކުރުތަކާއި އޭނާގެ ކިބައިގައި ހުރި މައުލޫމާތުތައް، އަނެކުންގެ އިހްސާސްތަކަށް ކުޅޭލާނޭ ފަދަ ގޮތަކަށް ފޯރުކޮށްދިނުން ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ. މިކަން ހުނަރަކަށް ވަނީވެސް ތިމާގެ ބަސްމަގުން އަނެކާގެ އިހްސާސްތަކާ ކުޅެލުމުގެ ބާރު ލިބިގެންދާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވާހަކަދެއްކުންތެރިކަމަކީ އުފެދި ބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި އާލާކުރަންޖެހޭ މުހިންމު ތަރުބަވީ ސިފައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ހަޔާތުގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި އަނެކުންނާ މުއާމަލާތްކުރަން ދަސްވެފައި ހުރުމަކީ ކޮންމެ މީހަކަށްވެސް ނުހަނު ބޭނުންތެރި ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަދުގެ ވަޒީފާގެ މާހައުލުގައި އެންމެ ބޮޑަށް އެދޭ އެއް ސިފައަކީވެސް މުއާމަލާތުކުރުމުގެ ހުނަރު. މި ހުނަރު ހުންނަ ކުއްޖަކަށް މުސްތަޤްބަލުގައި ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވެފައިވޭ. އެދެވޭ ބޮޑެތި ކާމިޔާބީތައް ހާސިލްކުރުމަށް ފަސޭހަވެގެންދާކަމީ ޝައްކެއް އޮތް ކަމެއްނޫން،" ވަޒީރު ހީނާ ވިދާޅުވިއެވެ.
ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް ލޯބިޖެއްސުމާއި، ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ސަބަބުން މުސްތަޤްބަލުގައި ދިވެހި ބަހުން ފަށުވިކޮށް ވާހަކަދައްކާނެ މޮޅު ޖީލެއް ބިނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.