ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: ވަޒީރު އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: ވަޒީރު އިހުސާން

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގައި ގޭންގު ކުށްތައް މަދުކުރެވި، މާރާމާރީތަކުގައި މީހުން މަރުވާ މިންވަރު ސުމަކަށް ތިރިކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް، ކޮވިޑް-19 ގެ ދުވަސްވަރު ފިޔަވައި ކޮންމެ އަހަރަކުވެސް ގޭންގު މާރާމާރީތަކުގައި ދިވެހިންގެ ފުރާނަ ގޮސްފައިވާ ކަމަށެވެ. އަދި ބައެއް އަހަރުތަކުގައި އެވްރެޖްކޮށް ފަސް މީހުންގެ ފުރާނަ ގެއްލިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކުރެވުނު މަސައްކަތުގެ އަލީގައި އަދި މިހާތަނަށް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގު ކުއްތަކުގެ ތެރެއިން ގެއްލުފައެއް ނުވޭ،" ވަޒީރު އިހުސާން ވިދާޅުވިއެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި މިހާރު ޚާއްސަ 'ގޭންގު ކްރައިމް ޔުނިޓެއް' އުފައްދައި، ވަރުގަދަ އޮޕަރޭޝަންތަކެއް ފަށާފައިވާ ކަމަށެވެ.

މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައާއި، ޚާއްސަކޮށް ގޭންގުތައް ބާރުގަދަކޮށް ހަރަކާތްތެރިވާ ސަރަޙައްދުތަކުގައި ފުލުހުންގެ ޔުނިޓުތަކުން މެދުނުކެނޑި ފޯރިމަރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، މިހާރު ރާއްޖޭގައި ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް ހުއްޓުވިފައިވާ ކަމަށްވެސް ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން