މޯލްޑިވްސް ހާފް މެރަތަން 2026 އާ ގުޅިގެން ބާއްވާ ހާއްސަ އެކްސްޕޯ، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުލަގަދަގޮތަކަށް ފަށައިފިއެވެ.
މި މަހުގެ 11 އިން 12 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ ދުވުންތެރިންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކަކާއެކު އިންތިޒާމުކޮށްފައިވާ އިވެންޓެކެވެ. އެގޮތުން، އެކްސްޕޯގެ ފުރަތަމަ ރޭ ވަނީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވި ޚާއްސަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެކުގައި ދުވުމުގެ މުހިންމުކަމާއި، ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މި މަޝްވަރާތަކުގައި އިންޑިއާގެ މަޝްހޫރު ފިޓްނަސް އައިކަން އަދި މޯލްޑިވްސް ހާފް މެރަތަންގެ އެމްބެސަޑަރު މިލިންޑް ސޮމަން ބައިވެރިވެ، އޭނާގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ.
މި އެކްސްޕޯގެ ތެރެއިން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާއިރު، އާއިލާތަކަށް ޚާއްސަކޮށްގެން މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މޯލްޑިވްސް ހާފް މެރަތަންގެ މައިގަނޑު ދުވުން އޮންނާނީ މި މަހުގެ 14 ވާ އާދިއްތަ ދުވަހުގެ ހެނދުނު ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މި ދުވުމަކީ ރާއްޖޭގެ ދުވުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގްސަދުގައި ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓެކެވެ.