ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި ގޮންޖެހުންތަކުން އަދިވެސް އަރައިނުގަނެވޭ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި ގޮންޖެހުންތަކުން އަދިވެސް އަރައިނުގަނެވޭ: ވަޒީރު ޝިޔާމް

ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި ގޮންޖެހުންތަކާއި މައްސަލަތަކުން އަދިވެސް ރަނގަޅަށް އަރައިނުގަނެވޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރާފައިވާ މިންވަރު ހާމަކުރައްވައި މިއަދު ވާހަކަދައްކަވަމުންނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމެވެ. ފެނަކައިގައި އެތަންތަނާ ހަވާލުވެތިބީ އެފަދަ މަސައްކަތްތައް ނޭނގޭ ބައެއްކަން ފާހަގަކުރައްވައި، މީގެ ސަބަބުން އައިސްޕްލާންޓުތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި މައްސަލަތައް ދިމާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި މައްސަލަތަކުން އަދިވެސް ރަނގަޅަށް އަރައެއް ނުގަނެވޭ. އެތަންތަން ފުލް އޮޕަރޭޝަނަށް ގެނައުމަށް އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް އައިސްޕްލާންޓުތައް މަރާމާތު ކުރުމުގެ ބަދަލުގައި، އައު އައިސްޕްލާންޓުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ދާއިމީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޒަމާނުއްސުރެ ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެއްވެސް ސަރުކާރަކުން ހަގީގީ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ހަގީގީ ހައްލެއް ހޯދުމަށް ދައުލަތުން ވަރަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކޮށް، މަސްވެރިކަމުގެ ސިނާޢަތަކީ ފައިދާހުރި ދާއިރާއަކަށް ހެދުން ކަމަށްވެސް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން