އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް) ގެ އައު އިމާރާތުގެ މަސައްކަތުގެ ގާތްގަޑަކަށް 70 އިންސައްތަ ނިމިފައިވާކަމަށާއި، މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ މެދުތެރެއަށް ނިންމާލެވޭނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތަށްފަހު، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި، މަސައްކަތް ކުރިއަށްދާ ސަރަޙައްދު ބައްލަވާލައްވާފައެވެ. މީގެއިތުރުން، އެމަނިކުފާނު ވަނީ ޢަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވަމުންދާ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ކުދިންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިތުރަށް ވިދާޅުވީ، ޑިސެންބަރު މަހުގެ މެދުތެރެއަށް މުޅި އިމާރާތުގެ މަސައްކަތް ނިންމައި، އަންނަ އައު ދިރާސީ އަހަރުގެ ކިޔެވުން އެ އިމާރާތުގައި ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ބާޖަމާލުއްދީން ބިމުގައި އިމާރާތްކުރާ ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށް، ބިންގާ އަޅާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ ކުރިން އިމާރާތްކުރަން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަ އަގެއްގައި ކުރިއަށްގެންދާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.
ފައުންޑޭޝަންގެ މަސައްކަތް ނިމި، މިހާރު އިމާރާތުގެ ބޮޑުބައި ނިމެމުންދާއިރު، މިއީ ޢަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިން ޒަމާނުއްސުރެ ކުރަމުން އައި އިންތިޒާރަކަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ތަޢުލީމީ ވުޒާރާއިން ދެކެއެވެ.