އެމްޑީޕީގެ ދެވަނަ ވެރިކަން ނިމުނުއިރު، ސޮވެރިން ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެމްޑީޕީގެ ދެވަނަ ވެރިކަން ނިމުނުއިރު، ސޮވެރިން ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު: ވަޒީރު ޝިޔާމް

ކުރީގެ ސަރުކާރުގެ ދައުރު (އެމްޑީޕީގެ ދެވަނަ ވެރިކަން) ނިމުނުއިރު، ރާއްޖޭގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގައި ހުރީ އެންމެ 2 މިލިއަން ޑޮލަރާ އެއްވަރުގެ ދިވެހި ރުފިޔާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފަންތިއެއްގައި ކަމަށެވެ.

މެންބަރު އިބްރާހިމް ދީދީ ސުވާލު ކުރެއްވީ ނޮވެންބަރު 17، 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތަފްސީލާއި، މިހާރު އެ ދަރަނި ކުޑަކުރެވިފައިވާ މިންވަރާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ތިއްބެވި މެންބަރުންވެސް ދެން އަންނަ ސަރުކާރަކަށް މާލީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި 2026 ވަނަ އަހަރަކީ ރާއްޖެ މާލީ ގޮތުން ބަނގުރޫޓުވެދާނެ އަހަރެއްގެ ގޮތުގައި އޭރުވެސް ފާހަގަކުރެވުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ވެސް 2026 ވަނަ އަހަރުގެ ލޯނު ދެއްކޭނެ ގޮތަކާ މެދު ވިސްނަވަމުން ގެންދެވި ކަމަށް ވިދާޅުވި. އެހެންނަމަވެސް، އަމަލީ ގޮތުން ލޯނު ދެއްކުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވޭ. ވެރިކަން ބަދަލުވިއިރު ސޮވެރިން ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރަށް ވާ ވަރުގެ ދިވެހި ރުފިޔާ،" ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ 250 މިލިއަން ރުފިޔާ އޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި، އެއްވެސް ސައިންޓިފިކް ބަލާލުމެއް ނެތި، އޭރު 17 ރުފިޔާއަށް ހުރި މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ވަރުގަދަ ތަސައްވަރަކާއި މެނިފެސްޓޯއަކާ އެކު ކަމަށެވެ. އެ މެނިފެސްޓޯގައިވާ ގޮތަށް، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ހަލާސްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މިއަދު އޮންލައިން