ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހާއެކު 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު ދިރާސާކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. މިއަދު ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މި ބިލު ފާސްކުރުމަށް 65 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މި ބިލުގެ އެންމެ މުހިންމު އެއް މަގްސަދަކީ ކޮތަޅު ބޮނޑިން ފީ ނެގުން ހުއްޓާލުމެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނި މެނޭޖްކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ގިނަ އިސްލާހުތަކެއް މި ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިސްލާހުތަކުގެ ބޭނުމަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމެވެ. އަދި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ވެސް ބިލުގެ މުހިންމު ބޭނުމެކެވެ.
އިތުރު ކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން މި ބިލުން ލާޒިމްކުރެއެވެ. އަދި ކުނި މެނޭޖްކުރާ އިރު އެ ކަމެއް ކުރަންވާނީ ޤައުމީ މާސްޓަރ ޕްލޭނާއި، އެ ސިޓީއެއްގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްވުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކުރުމުގެ ފަހު މަރުހަލާއެވެ. މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.