ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖިކްޝަނެއްގެ އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ އިންޖިކްޝަންތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބެޗުގެ ބޭސް ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ރަސްމީ އެލާޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއަށް އެތެރެކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑްގެ "ނައިވޮލިޔުމަބް" ނަމަކަށް ކިޔާ އިންޖިކްޝަނެއްގެ ފޭކް އުފެއްދުންތަކެކެވެ. މި އިންޖިކްޝަންތަކަކީ އަސްލު އުފެއްދުމާ އެއްގޮތަށް ނަކަލުކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއްކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.
މިކަމާ ގުޅިގެން އެ އޮތޯރިޓީން ވަނީ އެ ބެޗުގެ އިންޖިކްޝަން ރާއްޖެއަށް އެތެރެކުރުމާއި، މާކެޓްގައި ވިއްކުމާއި އަދި އެއްވެސް ފަރުވާއަކަށް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އަންގާފައެވެ. މި ފިޔަވަޅަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ފެންވަރުނުލަވާ ބޭހުގެ ސަބަބުން ބަލިމީހުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއެފްޑީއޭ އިން މައުލޫމާތު ދެއެވެ.
އެމްއެފްޑީއޭ އިން އިތުރަށް ވިދާޅުވީ، މި ބޭހާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ އެ އޮތޯރިޓީގެ ހޮޓްލައިން މެދުވެރިކޮށް ހިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި ބޭސް ސިޓީއަށް ބޭސް ގަންނައިރުވެސް ރަޖިސްޓްރީކޮށްފައިވާ އިތުބާރު ހުރި ފާމަސީތަކުން ބޭސް ބައްލަވައިގަތުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.