މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދޭން ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ރަށަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި ރާއްޖެއަށް ގިނަ އަދަދަކަށް ތަރުކާރީއާއި މޭވާގެ އިތުރުން އަސާސީ ބާވަތްތައް އެތެރެކުރާ ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވެފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ މުޅި ނިޒާމަށް ވަށާޖެހޭ ޖުމްލަ ޙައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވަނީ 2027 ނޮވެމްބަރު މަހުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ. ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރިއަށެވެ.
މި ބަދަލާ ގުޅޭގޮތުން ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަނދަރުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުވުމުން ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތްތަކެއް ލިބިގެންދިއުމެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމުގައި މިހާރު ކުރިމަތިވެފައިވާ ބޮޑު ހުރަހެއް ނެތިގެންދާނެ ކަމެއްގެ ގޮތުގައިވެސް ވަޒީރު ސިފަކުރެއްވިއެވެ.
މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށް ބެލެވެއެވެ.