ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ތިން ހަފްތާއަށް އިތުރުކުރުމަށް ބީއެމްއެލްއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ތިން ހަފްތާއަށް އިތުރުކުރުމަށް ބީއެމްއެލްއިން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ނިންމުމަކީ އެމްއެމްއޭއިން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ރިޢާޔަތްކޮށް ނިންމި ނިންމުމެކެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ބޭރު ގައުމުތަކުން މުދާ އެތެރެކުރުމުގައި ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށްޓަކައި ބޭންކުން ވަނީ 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ 12 މިލިއަން ޑޮލަރު އިތުރު އަދަދެއްކަން ބޭންކުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް (ކާޑުތަކުން ކުރާ މުއާމަލާތްތައް ހިމެނޭހެން) ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2.7 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބާޒާރުގައި ޑޮލަރުގެ ތާށިކަން ކުޑަކުރުމަށް އެމްއެމްއޭ މެދުވެރިކޮށް މިފަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން