އެއްވެސް ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ފިރިންގެ އެދުމަށް އަނބިން އަދި އަނބިންގެ އެދުމަށް ފިރިން ޢިޖާބަދޭންވާނެއެވެ. ކައިވެނި ދެމެހެއްޓުމަށްޓަކައި އެއީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެކަކު އަނެކެއްގެ ކިބައިން ކަންކަމަށް އެދުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކެއްވެސް އެބަހުއްޓެވެ.
މިގޮތުންބަލާއިރު އެކަމަށް ތައްޔާރުވާންޖެހެއެވެ. ހަށިގަނޑުގެ އިތުރަށް ވިސްނުންވެސް ތައްޔާރުކުރަންޖެހެއެވެ. އެކަކު އަނެކަކަށް ލޯބިދީ، ލޯބިކޮށް، ސިކުނޑި ހަމަޖައްސަންޖެހެއެވެ. ދެމީހުންގެ ގުޅުމުގެ ފައިދާކުރާނީއެއިރުންނެވެ. އަދި ސުންނަތުގައި އޮތީވެސް އެގޮތެވެ.
ކަނމިހެން އޮތްނަމަވެސް ބައެއް ފިރިން ގެއަށް ވަންނަނީ އަނބިމީހާއަށް ނިދޭފަހުންނެވެ. މެންދަންވުމުންނެވެ. ގެއަށް ވަދެވުމާއިއެކު އަނބިމީހާ ހޭލައްވައި ކަންކަމަށް އެބައެދެއެވެ. އެއިރުން އަނބިމީހާއަށް އެކަން ފަސޭހައެއް ނުވާނެއެވެ. އަދި އެކަމަށް ޝައުޤުވެރިކަމެއްވެސް ނުހުންނާނެއެވެ. އެކަމުން ލިބެންވާ އުފާވެރިކަން ދެމީހުންކުރެ އެކަކަށްވެސް ނުލިބޭނެއެވެ.
ދެން މިބާވަތުގެ ވާހަކަ ދެއްކުމުން ޝައިޚް ތިއަދައްކަނީ ދީނީ ވާހަކައެއްތޯ އެބަ ސުވާލުކުރެއެވެ. ޖަވާބަކީ އާނއެކެވެ. މިދައްކަނީ ދީނީ ވާހަކައެކެވެ. ސަބަބަކީ ރަނގަޅު ގޮތުގައި ކައިވެނި ދެމެހެއްޓުމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެކެވެ. އަދި އިޖުތިމާޢީ ގޮތުންވެސް ކުރަންޖެހޭ ކަމެކެވެ.
މިނަޞީޙަތް ދޭން މިޖެހެނީ މިމައްސަލަ ބޮޑުވެގެން ކައުންސިލިންގ ހޯދަން އަންނަ މީހުން ގިނަވާތީއެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ ކައިވެނި ރޫޅެންމެދުވެރިވާ ސަބަބަކަށްވާތީއެވެ. މިފަދަ މައްސަލަތަކަށް ސަމާލުކަން ދިނީމާ ދެމަފިރިންގެ މެދުގައި އެފަދަ ކަންބޮޑުވުންތަކެއް ނުއޮންނާނެއެވެ. ވަރީގެ މައްސަލަތައް މަދުކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން