ތިބާގެ ބައިވެރިޔާއަކީ ތެދުވެރިއެއް ނޫންކަން ދެނެގަންނަން އެންމެ ފަސޭހަވާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިބާގެ ބައިވެރިޔާއަކީ ތެދުވެރިއެއް ނޫންކަން ދެނެގަންނަން އެންމެ ފަސޭހަވާނެ ގޮތް!

މިބަސްކޮޅު ޚާއްޞަކޮށް މިލަނީ ބައިވެރިޔާއަކީ ތެދުވެރިއެއްކަން ނުވަތަ ތިމާދެކެ ތެދުވެރި ލޯބިވާކަން އެނގޭނެ ގޮތް އޮޅުން ފިލުވަން ބޭނުންވާ މީހުންނަށެވެ. މިބުނެދެނީ އެއީ ތެދުވެރިއެއްކަން ނުވަތަ ތެދުވެރިލޯބިވާކަން ދެނެގަންނަން އެންމެ ފަސޭހަވާނެ ގޮތެވެ.  

މިހާރަކަށް އައިސް ޖެހިގެން މިއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ އަނެކާ ދެކެ އެންމެ ބޮޑަށް ލޯބިވާންޖެހޭ ހިސާބު އޮޅުވައިލުމެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއް ކިޔައިދޭނަމެވެ. މިއީ ކައިވެނި ރޫޅި އެކަނިވެރިވެފައިވާ އަންހެނަކު ބުނި ވާހަކައެކެވެ.  

"އަހުރެން ކައިވެނިކުރީ މީހަކާއި ލޯބީގެ ގޮތުން އަހަރެއްހައި ދުވަހު ގުޅިގެން އުޅެފައެވެ. އަހުރެން އޭނާގެ ގާތުގައި ފުރަތަމަވެސް ބުނި އެއްވާހަކައަކީ ކައިވެނިނުކޮށް ގައިގައި އެއްވެސް ވަރަކަށް ބީހިގެން ނުވާނެ ކަމަށާއި އެކަމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.  

އެދުވަސްވަރު އޭނާ އަހުރެން ދެކެ ލޯބިވާވަރު އެނގޭހެއްޔެވެ؟ ދެމީހުން އުޅުނީ އެއް އޮފީހުގައެވެ. ވީމާ އެއްވެސް ކަމެއް މެދުވެރިވެގެން އޮފީހަށް ނުދެވުނުނަމަ އެކަން އޭނާއަށް އެނގޭނެއެވެ. އެނގޭއިރަށް ވަޤުތުން ގުޅާނެއެވެ. ބަލިވެ ކަމަށް ބުނެފިނަމަ މީރުހައި ކާތަކެތި ގެނެސްދޭނެއެވެ. ގޮވައިގެން ހޮސްޕިޓަލަށްދާން އުޅޭނެއެވެ. ގެއިން މީހަކާއިއެކު ދިއަކަން އެނގުނަސް ހޮސްޕިޓަލަށްވެސް އައިސް އަހުރެން ހޯދައިގެން ކަންކަން ބަލާނެއެވެ.  

އެކަމަކު ކައިވެންޏަށް 2،3 މަސްވީފަހުން ކަންކަން ވާގޮތް އެނގޭހެއްޔެވެ؟ ބަލިވެ ގޭގައި އޮތަސް ކައިގެންތޯވެސް ނުބަލައެވެ. ގޮވައިގެން ޑޮކްޓަރަކަށް ނުދެއެވެ. ބުނަނީ މާމަސައްކަތް ބުރަވީކަމަށެވެ. އެކަމަކު އެއިރުވެސް ކުރީ ހަމަ އެއް މަސައްކަތެކެވެ. އަދާކުރީ އެއް ވަޒީފާއެކެވެ."  

އޭނާގެ ވާހަކައިންވެސް މިއެނގެނީ ކައިވެނިކުރުމުގެ ކުރިން އިންތިހާއަށް ލޯބިވިކަމާއި ކައިވެނީގެ ހަނީމޫން ނިމުމާއިއެކު ލޯބިވުން ނެތިގެން ދިއަކަމެވެ. އެކަމަކު މިއީ އެކަން އޮންނަންވީ ގޮތެއް ނޫނެވެ. ކައިވެނިކުރުމުގެ ކުރިން ކަންތައް ެކުރީ ކައިވެނިކޮށްގެން ކަންތައްކުރަން އޮތް ގޮތަށެވެ.  

ވީމާ ކައިވެންޏަކީ ކާމިޔާބު ކައިވެންޏަކަށް ހަދަން ބޭނުންނަމަ މިކަމަށް ވިސްނަން އެބަޖެހެއެވެ. ކައިވެނީގެ ކުރިން ލޯބިވާކަން ދެއްކިވަރަށްވުރެ ބޮޑަށް ކައިވެންޏަށްފަހު ލޯބިވާކަން ޢަމަލުތަކުން ނުދެއްކޭނެނަމަ ކުރިން އެވީ ލޯބިކަމަށް ޤަބޫލުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ! އެމީހަކު ވާނީ މަކަރުވެރިއަކަށެވެ! އެމީހަކީ ތެދުވެރިއަކަށްވާނެ އެއްވެސް ގޮތެއް ނެތެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން