ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަމުގައި ހުރެވެސް ރަންދަރި ބައްޕަ ބަލައިދޭން ބުނީ ޖަމާގަ ހުރި ހުރިހާ ފައިސާއަކާ ޕެންޝަން ފައިސާއާ ގެއާ ގޯތިވެސް ދިނީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަމުގައި ހުރެވެސް ރަންދަރި ބައްޕަ ބަލައިދޭން ބުނީ ޖަމާގަ ހުރި ހުރިހާ ފައިސާއަކާ ޕެންޝަން ފައިސާއާ ގެއާ ގޯތިވެސް ދިނީމަ!

އެއީ އެކަނިވެރި ބައްޕައެކެވެ. އަނބިމީހާ ނިޔާވުމުން 4 ދަރިން ގެންގުޅެ ބޮޑުކުރީ ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ. ހުރިހާ ދަރިންނަށްވެސް ކިޔަވައިދިނެވެ. ނަމަވެސް ރަންދަރިއަކު ހުރެއެވެ. އެއީ އެންމެ ހަގުދަރިފުޅެވެ.  

4 ދަރިންވެސް ދިރިއުޅެނީ ވަކިންނެވެ. ތަނަވަހުގައި އުޅެނީވެސް ހަގުދަރިފުޅެވެ. އެންމެ ދޮށީ  ދަރިފުޅު އުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. މުސްކުޅިވެ ގައިބާރުދެރަވުމުން ހަގުދަރިފުޅު ގެއަށް ގެނެސްފައި އެދުނީ އޭނާ ބަލައިދިނުމަށެވެ. އަތުގައި ޖަމާކުރެވިފައި ހުރި ހުރިހާ ފައިސާއެއްވެސް ދޭނެކަމަށެވެ. ނަމަވެސް ގެ ދޭނީ 4 ބެއިންނަށް ކަމަށެވެ.  

އެގޮތް ދަރިފުޅަށް ކަމަކު ނުދިއައެވެ. ބުނީ ޖަމާގައި ހުރި ފައިސާގެ އިތުރުން ގެއާއި ގޯތިވެސް ދޭންޖެހޭނެ ކަމަށެވެ. އަދި ޕެންޗަން ފައިސާ ޖަމާވާ އެކައުންޓުގެ ކޭޝްކާޑުވެސް ދޭންޖެހޭނެ ކަމަށެވެ.  

އެގޮތަށް އެކަންކުރަން ބައްޕަ އެއްބަސްނުވެ 4 ދަރިން އެކުގައި ގެއަށް ގެނެސް ބައްޕަ ބަލައިދިނުމުގެ ވާހަކަ ދެއްކުމުން ހަގުދަރިފުޅު އެދުވަހު ބުނީ ގެއާއި ގޯތި އޭނާއަށް ދިނުމަށެވެ. އެއިރުން ރަނގަޅު ފެންވަރުގެ ގެއެއް އަޅައި ބައްޕަ ބަލައިދޭނެ ކަމަށެވެ. ދެން ތިބި 3 ބެއިން ބުނީ ގެއެއް ގޯއްޗެއް ބޭނުން ނޫންކަމަށާއި ނަމަވެސް ބައްޕަ ބަލައިދޭނެ ކަމަށެވެ. މިހައިތަނަށްވެސް ބައްޕަ އެކަނި ހުންނަން ދޫކޮށްލާފައި ބެހެއްޓީ ބައްޕަ އެގޮތް ބޭނުންވުމުން ކަމަށެވެ.  

އެހިސާބަށް ވާހަކަދާއިރަށް ބައްޕަގެ ރަންދަރިފުޅު ނުކުމެގެން ހިނގައްޖެއެވެ. ބައްޕައަށް ބުނެވުނެވެ. "ތިއަ 3 ދަރިން ބައްޕައަށް މާފުކުރާށެވެ! އެއީ އެންމެ ހަގުދަރިފުޅުކަމަށްވެފައި މަންމައާއި ވައްތަރުކަން ބޮޑުކަމުންނާއިއެކު އެދަރިފުޅަށް ތިއަ 3 ކުދިންނަށްވުރެ ބޮޑަށް ހެޔޮކޮށް ހިތުނީތީއެވެ. މިއަދު މިފެނުނީ މުޅިން ތަފާތު ގޮތެކެވެ. އެއީ ބައްޕައަށް ކުރެވުނު ވަރަށް ބޮޑު ކުށެކެވެ. ޙަޤީޤަތުގައި ބައްޕައަށް ވިސްނިފައި އޮތީ ބައްޕަ މުސްކުޅިވާ ދުވަހު ދަރިފުޅު ބަލައިދޭނީ އެދަރިފުޅު ކަމަށެވެ. އެހެންވެ ފުރަތަމަ ބައްދަލުކުރީވެސް އޭނާއާއިއެވެ. ނަމަވެސް ދެއްކީ އަމިއްލަ އެދުމުން ފުރިގެންވާ ވާހަކަތަކެކެވެ. އެހިސާބުން ބައްޕައަށް ވިސްނި 4 ކުދިން އެކުގައި ގެނައީއެވެ."  

އެހިސާބުން 3 ބައިން މަޝްވަރާކޮށްފައި ނިންމީ ބައްޕަ ބަލައިދޭން ދޮށީ ބޭބެގެ ޢާއިލާ އެގެއަށް ބަދަލުވުމަށެވެ. އަނެއް ދެބެއިންވެސް ބައްޕައަށް ޒިޔާރަތްކޮށް ޙާލުބެލުމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ ވާހަކަތަކަކީ އައުވާހަކަތަކެއް ނޫނެވެ. ރަންދަރިންނާއި ގުއިދަރިންގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެ. ދަރިންގެ މެދުގައި ފިތުނަވެރިކަން އުފެދިގެންދާ އެންމެ ބޮޑު އެއް މައްސަލައެވެ. މައިންބަފައިންނަށް އެންމެ ބޮޑަށް މާޔޫސްވާންޖެހޭ އެއް މައްސަލައެވެ. އެއީ ރަންދަރީގެ އަޅައިލުން ނުލިބޭތީއެވެ. ގުއިދަރިންގެ އެހީތެރިކަމުގައި އުޅެންޖެހެތީއެވެ.

 

- މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން