ޑޮލަރުގެ ވާހަކަ އިދިކޮޅުން ދައްކަނީ މުޒާހަރާއަށް މީހުން ނެރުމަށް: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޑޮލަރުގެ ވާހަކަ އިދިކޮޅުން ދައްކަނީ މުޒާހަރާއަށް މީހުން ނެރުމަށް: ވަޒީރު ސަޢީދު

ރަސްމީ ރޭޓުގައި ޑޮލަރުގެ މުޢާމަލާތްތައް ކުރާ މިންވަރު ކުރީ އަހަރުތަކާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ މައްސަލައިގައި ވާހަކަދައްކަނީ ސިޔާސީ ބޭނުމަކަށް މީހުން މުޒާހަރާއަށް ނެރުމަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ޑޮލަރުގެ މުޢާމަލާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވަނީ، މީގެ 4 އަހަރު ކުރިން ބޭންކުތަކުން ޑޮލަރު ދޫކުރަމުންދިޔަ މިންވަރާއި މިހާރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރު ބޭންކު ކާޑުތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކޮށްފައިވަނީ 10 މިލިއަން ޑޮލަރެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު މިހާރު އެ ޢަދަދު 39 މިލިއަން ޑޮލަރަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމްޕޯޓް މުދަލަށް ފައިސާ ދެއްކުމަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ މިންވަރުވެސް ބޮޑުތަނުން އިތުރުވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން 2021 ވަނަ އަހަރު ޓީޓީ ހެދުމަށް މަހެއްގެ މައްޗަށް ދޫކޮށްފައިވަނީ 6.7 މިލިއަން ޑޮލަރު ނަމަވެސް، މިހާރު އެ ޢަދަދު ވަނީ 26.6 މިލިއަނަށް އުފުލިފައެވެ. އަދި އިމްޕޯޓަރުންނަށް ދެމުންދިޔަ މާލީ އެހީތެރިކަން 5 އިންސައްތައިން 30 އާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިޖުތިމާޢީ މުހިންމު ދާއިރާތަކަށް ދޫކުރާ ޑޮލަރުގެ މިންވަރަށް އައިސްފައިވާ ބަދަލުތައް ވަޒީރު ތަފްޞީލުކޮށްދެއްވިއެވެ:

މަތީ ތަޢުލީމު: 2021 ގައި 1.9 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު މަހަކު 3.6 މިލިއަން ޑޮލަރު ދަނީ ދޫކުރަމުންނެވެ.

ބޭސްފަރުވާ: 2021 ގައި 159,000 ޑޮލަރު އަދި 2022 ގައި 3 ލައްކަ ޑޮލަރަށްވެސް ނާރާ މިންވަރެއް ދޫކުރިއިރު، މިހާރު މަހެއްގެ މައްޗަށް 3 މިލިއަން ޑޮލަރު ދަނީ ދޫކުރަމުންނެވެ.

ބޭރަށް ދަތުރުކުރާ ފަރާތްތައް: ކުރިން ދޫކުރި 1.5 މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު 10 މިލިއަން ޑޮލަރު ދަނީ ދޫކުރަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މި ހަގީގަތްތައް މިހެން ހުރިއިރު އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ ދަތިކަމުގެ ވާހަކަ ދައްކަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، މަގުމައްޗަށް މީހުން ނެރުމުގެ ބޭނުމުގައި ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ގޮތެއްގައި އިޤްތިޞާދީ ކަންކަން ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން