ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް: ވަޒީރު އަމީން

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ބޭނުންވާ ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށާއި، މި ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިފަދަ އަހަރެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި، އާންމު ރައްޔިތުންނަށާއި ރަށްރަށަށް މި ސިނާއަތުން ލިބޭ ފުރުސަތުތައް އިތުރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ ފަތުރުވެރިކަމުގެ ވަނަވަރުގެ މުހިންމު ބައެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހީންގެ މެހެމާންދާރީއަކީ މުޅި ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމެއް ކަމަށެވެ. އަދި ދިވެހިންނަކީ ސިނާޢަތަށް އަންނަ ބަދަލުތަކާއި ޒަމާނީ އީޖާދުތަކަށް ނުހަނު އަވަހަށް ހޭނޭ، އަދި އެކަންކަން ބަލައިގަތުމުގެ ޤާބިލްކަން ހުރި ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ދިވެހިންގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކެއް ކަމަށާއި، އެހެންކަމުން ފަތުރުވެރިކަމުގެ އަހަރުގެ މަސައްކަތް ފަށަނީ ވަރުގަދަ ބިންގަލެއްގެ މަތީގައިކަން ވަޒީރު ބަޔާންކުރެއްވިއެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންގެ މެހެމާންދާރީގެ ފެންވަރު ފަތުރުވެރިން ރާއްޖެއާ މެދު ދެކޭގޮތުން ވަރަށް ސާފުކޮށް އެނގިގެންދާ ކަމަށެވެ.

"އެސާވޭގެ ނަތީޖާ ދައްކާގޮތުން 2025ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 85 އިންސައްތައަށް ވުރެ މަތީ އަދަދެއް އަލުން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވޭ. މިސާވޭއިން ދައްކާގޮތުގައި 90 އިންސައްތައަށްވުރެ ގިނަ މީހުން ގާތްތިމާގެ މީހުންނާއި ރަށްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވޭ. އަދި ގާތްގަނޑަކަށް 80 އިންސައްތައަށް ވުރެ ގިނަ މީހުން ބުނަނީ، ޗުއްޓީގައި ދިވެހިރާއްޖޭގެ ތަޖުރިބާއާ މެދު އިންތިހާއަށް ހިތްހަމަޖެހޭ ކަމަށް. މިއަދަދުތަކުން ވަޒަން ކުރެވެނީ އަޅުގަނޑުމެން ފަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން،" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ބައްދަލުވުމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން