ބ. ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްއިން އަލުން އިއުލާންކޮށްފިއެވެ.
މި މަޝްރޫއަކީ ދަރަވަންދޫ އެއާޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާ އެއްވަރަށް ޚިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ (EOI) އެންމެ ފަހު ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 އެވެ. އަދި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކޮންޓްރެކްޓަރު ހޮވުމުގައި އައިލެންޑް އޭވިއޭޝަނުން ވަނީ ހަރުދަނާ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މީގެ ކުރިން މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ ތަޖުރިބާކާރު ކުންފުނިތަކަށާއި، 50 މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތައް ނިންމާފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، މި ކޮންޓްރެކްޓުގެ ދަށުން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަން ޖެހޭނެ ކަމަށްވެސް ޝަރުތުކޮށްފައިވެއެވެ.
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް މިއީ އިއުލާންކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ މެއި މަހުގެ ތެރޭގައިވެސް މި މަސައްކަތަށް ބަޔަކު ހޯދަން އިއުލާން ކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ފަހަރު މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ނުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ސަރަހައްދީ އެއާޕޯޓުތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަރަވަންދޫ އެއާޕޯޓަށް ގެނެވޭ މި ބަދަލާއެކު، ބ. އަތޮޅުގެ ފަތުރުވެރިކަމަށާއި އާންމު ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.