ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027" ގެ ފަސްވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވައިފިއެވެ. މިއަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމް ގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ، ވިޔަފާރި އާއި ލީޑަރޝިޕް ޓްރެއިނިންގ އާއި އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވަރަށް ހުނަރުވެރި ބޭފުޅެއްކަމަށްވާ، މުޙައްމަދު ކަލީމެވެ. މި ސެޝަންގައި ކަލީމް މަޢުލޫމާތު ދެއްވާފައިވަނީ، ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނޭ ގޮތްތަކުގެ މައްޗަށެވެ.
ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއަރޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް ސެކްޝަންގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.