މެއި/ޖޫންގައި އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މެއި/ޖޫންގައި އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފި

މިއަހަރުގެ މެއި އަދި ޖޫން މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދަރިވަރުންނަށް ދޫކުރަން ފަށާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން މިއަދު ހާމަކޮށްފިއެވެ.

މެދުކެނޑުމަކަށް ފަހު އަމިއްލަ ގޮތުން މެއި/ޖޫންގައި އޭ ލެވެލް ހެދުމުގެ ފުރުސަތު މި އަހަރުގެ ފެބްރުއަރީ މަހު ހުޅުވާލުމާ ގުޅިގެން، ޖުމްލަ 1,229 ދަރިވަރުން ވަނީ މި މުއްދަތުގެ ތެރޭގައި އިމްތިހާނު ފުރިހަމަކޮށްފައެވެ.

ޑީޕީއީން ވިދާޅުވި ގޮތުގައި، ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން، އެ ދަރިވަރަކު އިމްތިހާނު ހެދި މަރުކަޒަކުން ނުވަތަ ނިސްބަތްވާ ސްކޫލަކުން ނަތީޖާ ދޫކުރަން ވަނީ ފަށާފައެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސެޓްފިކެޓް ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ސެޓްފިކެޓްތައް ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އާ ހަމައަށެވެ.

ސެޓްފިކެޓް ނަގަންދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއްވެސް ޑީޕީއީން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސެޓްފިކެޓް ނަގަންދާ ދަރިވަރުން އައިޑީ ކާޑު ގެންދަން ޖެހޭނެއެވެ. އަދި ދަރިވަރުގެ ބަދަލުގައި އެހެން މީހަކު ސެޓްފިކެޓާ ހަވާލުވާންދާ ނަމަ، އިމްތިހާނު ހެދި ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީއަކާއި، ސެޓްފިކެޓާ ހަވާލުވާންދާ މީހާގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން