"ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އިތުރު ދާއިރާތަކަކަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އިތުރު ދާއިރާތަކަކަށް ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ޝުޢޫރުތަކާއި ބޭނުންތައް އޮޅުންފިލުއްވުމަށް ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު ދާއިރާތަކަކަށް މިއަދު ހުޅުވާލައިފިއެވެ.

ސަރުކާރުން ގެޒެޓްގައި މިއަދު އާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި، އިތުރު 8 ދާއިރާއަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.

މި ފަހަރު ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކަކީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ މި ދާއިރާތަކުގެ ރައްޔިތުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް (https://rayyithungeadu.presidency.gov.mv/) މެދުވެރިކޮށް ނަން ނޯޓުކުރެއްވުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ.

މި ސިލްސިލާ ބައްދަލުވުންތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މީގެ ކުރިން ވަނީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމަށް ބޭނުންވާ ފަރާތްތަކަށްވެސް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މިއަދު އޮންލައިން