2 ކައިވެނީގެ ހިތި ތަޖުރިބާއަށްފަހު ދެންކުރި ކައިވެނި އުފަލުގަ ދެމެހެއްޓުނު އަންހެނެއްގެ ތަޖުރިބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
2 ކައިވެނީގެ ހިތި ތަޖުރިބާއަށްފަހު ދެންކުރި ކައިވެނި އުފަލުގަ ދެމެހެއްޓުނު އަންހެނެއްގެ ތަޖުރިބާ!

ކައިވެނިކުރަން އުޅޭއިރު ކައިވެނިކުރަނީ ކާކާކަން ހާމަނުކުރިޔަސް ކައިވެނިކޮށްގެން އުޅެންޖެހޭނެ ގޮތުގެ މަޢުލޫމާތު އިތުބާރުކުރެވޭ މީހުންގެ ކިބައިން ހޯދުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ގިނަ ބައަކަށް ވިސްނެނީ ހުރިހާ ކަމެއް ތިމާއަށް އެނގޭ ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

ކައިވެނިކުރުމުގެ ކުރިން، ޚާއްޞަކޮށް ކައިވެނި ރޫޅިއްޖެނަމަ އިތުރު ކައިވެންޏެއް ކުރުމުގެ ކުރިން ޢާއިލާގައި އިސްކޮށްތިބޭ މީހުންނާއި މަޝްވަރާކޮށްލުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ޚާއްޞަކޮށް އެމީހުންގެ ފުރަތަމަ ކައިވެނިމަތީގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންގެ ލަފާ ހޯދާނަމަ ވަރަށް ފައިދާ ކުރާނެއެވެ.  

ތިރީގައިވާ ވާހަކައިގައިގައި ބޮޑުދައިތަ ދިން ނަޞޭޙަތަކީ ފުރަތަމަ ކައިވެނިކުރާއިރުވެސް ޢަމަލުކުރަންޖެހޭ ކަމެކެވެ. ސަބަބު ވާހަކަވިދާޅުވުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ ވަޒީފާގައި ގިނައިރު އުޅެންޖެހުމުން ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ގެއަށް ދެވުމާއިއެކު ފެންވަރާލައިގެން އޮށޯވެލާތަނުން ނިދޭކަމެވެ. ނަމަވެސް ދެމީހުން މަސައްކަތްކޮށްގެން ނޫނީ ކުލި ނުދެއްކޭތީ އެގޮތަށް މަސައްކަތްކުރަން މަޖުބޫރުވަނީއެވެ. ފިރިމީހާ އަޅުގަނޑު ދެކެ ފޫހިވި ދުވަހު އެކަންކަން ހަނދާނެއްވެސް ނެތެވެ. ފާހަގަކުރީ އަޅުގަނޑުގެ ފަރުވާކުޑަކަމެވެ.  

ކޮންމެއަކަސް ދެވަނަ ކައިވެނިކުރުމުން ވަޒީފާއަށް ދާކަށް ނުޖައްސައެވެ. އެހެންވެ އަބަދުހެން ހުރީ ފިރިމީހާގެ ޚިދުމަތުގައެވެ. އެހެނަސް ކަމަކު ނުދިއައެވެ. ކައްކާ އެއްޗެތީގެ ރަހަ އޭނާ ބޭނުންވާވަރަށް މީރުނުވުމާއި ކުއްލިއަކަށް ބުނާއިރަށް ބޭރަށްދާން ވަގުތުން ތައްޔާރުނުވެވުން ފަދަ މައްސަލަތައް ދިއައީ ޖެހެމުންނެވެ. އެހެންވެ އަހަރެއްހައި ދުވަސްފަހުން ދެވަނަ ކައިވެނިވެސް ރޫޅިއްޖެއެވެ. ތަފާތު 2 ތަޖުރިބާއެވެ.  

ތިންވަނަ ކައިވެނިކުރަން އުޅުމުގެ ކުރިން ކައިވެނި ދެމެހެއްޓޭނެ ފަންޑިތައެއް ދަސްކުރަން ބޭނުންވިއެވެ. އެހެންވެ އެކިމީހުންގެ ގާތުގައި ސުވާލުކޮށް ކަންކަން އޮޅުންފިލުވަމުން ގެންދިއައިމެވެ. އެގޮތުން ބޮޑުދައިތަ އާއި މަޝްވަރާކޮށްލުމުން ބުނީ ކައިވެނިކުރުމުގެކުރިން ފިރިމީހާ ލައްވައި އެއްބަސްކުރުވަން ޖެހޭ ކަމެއް އޮންނާނެ ކަމަށެވެ.   

އެއީ ކެއްކުންވެސް ހިމެނޭ ގޮތަށް ގޭތެރޭގެ މަސައްކަތުގައި ފިރިމީހާވެސް ބައިވެރިވުމެވެ. އެއިރުން ގޭތެރޭގެ ކަމެއް ނުކުރެވިހުރެގެން، ކައްކާފައި ހުންނަ އެއްޗެއްގެ ރަހަ ނުބައިވެގެން ޝަކުވާއެއް ނުކުރެވޭނެއެވެ. ދެވަނަ ކަމަކަށް އެއްބަސްކުރުވަންވީ ޢާންމު ދިރިއުޅުމުގެ ކަންކަން ދުރާލައި ދެމީހުން މަޝްވަރާކޮށްގެން ކުރުމަށެވެ. މި ދެ ކަންތަކުގައި އެއްބާރުލުން ދޭން އެއްބަސްވާ ފިރިންނާއި މައްސަލަ ޖެހުން ވަރަށް މަދުވާނެކަމަށެވެ.   

ކޮންމެއަކަސް 3 ވަނަ ކައިވެނިކުރީ ބޮޑުދައިތަ ދިން ނަޞޭޙަތްތައް ޤަބޫލުކޮށް ލޯބިވެރިޔާ އެކަންކަމަށް އެއްބަސްވުމުންނެވެ. ދަންނަވަންތޯއެވެ! ބޮޑުދައިތަ ދިނީ ސަތޭކައިން ސައްތަ ފައިދާކުރި ނަޞޭޙަތެކެވެ. އެ ނަޞޭޙަތަށް ޢަމަލުކުރުމުން ހަމައެކަނި މައްސަލަޖެހުން މަދުވީއެއް ނޫނެވެ. ދެމީހުންގެ މެދުގައި ލޯބިވެސް އިތުރުވެއެވެ.  

ނަތީޖާއަކީ ކުރީ ދެކައިވެނި އަހަރަކުން އަހަރަކުން ރޫޅުނު ނަމަވެސް 3 ވަނަ ކައިވެނީގައި މިހާރު 17 އަހަރުވެފައިވުމެވެ. އެންމެ ފުރަތަމަ ދުވަހާއި އެއްގޮތަށް ބަދަހިކަމާއިއެކު ކުރިއަށްދާކަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ތަޖުރިބާ ޙިއްޞާ މިކުރީ އަޅުގަނޑަށް މުޖައްރިބް ފަންޑިތައަކަށްވި ބޮޑުދައިތަގެ ނަޞޭޙަތުން ކިޔުންތެރިންނަށް ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ.

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން