ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން މެދުވެރިވާ ސަބަބުތަކަށްބަލާއިރު ދެމީހުންގެ ވެސް މައްސަލަތައް ހުރެއެވެ. ގިނައިން ދެކެވެނީ އަނބިންގެ ވާހަކަތަކެވެ. އެއީ ކަމެއް ދިމާވުމުން އެވާހަކަ ދައްކާ އަނބިން ގިނަވާތީއެވެ. މިބައްދަލުވުމުގައި ފާހަގަކުރަން މިއުޅެނީ އަނބިންނަށް ހެދޭ ގޯހެއްގެ ވާހަކައެވެ.
އެގޯހަކީ ފިރިންނާއިމެދު ފަރުވާކުޑަކުރެވުމެވެ. ފިރިމީހާ ޝަކުވާ ނުރާތީ ފަރުވާކުޑަކޮށްލައިގެން އަހަރުތަކެއް ވަންދެންވެސް ތިބެއެވެ. އެހެން ތިއްބައި ސިއްސައިގެންދަނީ ފިރިމީހާ ދެވަނަ ކައިވެންޏެއްކުރަން އުޅޭކަން އެނގުމުންނެވެ. އެހިސާބުން މުޅިން އެހެން އަންހެނަކަށް ބަދަލުވެ ހުރިހާ ކަމެއް ވަރަށް ރަނގަޅުކުރެއެވެ. ވިސްނެނީ އެއިރުން ފިރިމީހާގެ ނިންމުން ބަދަލުކުރާނެ ކަމަށެވެ.
ނަމަވެސް ކަންތައް ގިނަ ފަހަރު މެދުވެރިވަނީ އެގޮތަކަށް ނޫނެވެ. އޭނާ އެއަންހެންމީހާއަށް ވެފައިވާ ވަޢުދުތައް އުވާލުންވަނީ އުނދަގޫ ކަމަކަށެވެ. އެހެންވެ ދެވަނަ ކައިވެނިކުރުން ހުއްޓައިލެވޭކަށް ނޯވެއެވެ.
އަނބިން ވިސްނަންވީ މިޙާލަތަށެވެ. ތިބާގެ ކަންކަން ބަދަލުކުރުމުން ފިރިމީހާގެ ހިތް ތިބާގެ މައްޗަށް ލެނބުނު ކަމުގައިވިޔަސް ގުޅިގެންހުރި އަނބިމީހާއަށް ދެރަދީ ދޫކޮށްލަން ބޭނުންވާނީ ވަރަށް މަދު ފިރިއެކެވެ. ވީމާ ތިބާ ނުރުހުނަސް އެކައިވެނިކުރާނެއެވެ.
އަހުރެން މިބުނަނީ ހުރިހާ ފިރިހެނުން ދެވަނަ އަންތބަކު ހޯދަނީ އަނބިމީހާ ގޯސްވެގެން ނުވަތަ އަނބިމީހާ ޚިދުމަތްނުކުރާތީ ނުވަތަ އިހްމާލްވާތީ ކަމަކަށް ނޫނެވެ. މިއީވެސް އޮންނަ މައްސަލައެއް ކަމަށެވެ. އަދި ފިރިމީހާއަށް ހެޔޮކޮށްހިތުން ބޮޑުކުރަންވީ ނުރައްކަލުގެ ރަނގަބީލު އެޅުމަކުން ނޫނެވެ. އެއިގެ ކުރިންނެވެ. ނޫންނަމަ އޮންނާނީ ކާމިޔާބު ނުކުރެވިފައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް