ބައެއް އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް އޮޅިފައި އޮންނަކަމެއް ބުނެލާނަމެވެ. އެއީ ތިމާގެ ސިފަ ރީތިނަމަ ނުވަތަ ތަނަވަސްކަންހުރިނަމަ ތިމާއާއިއެކު ބައިވެރިން ތިބޭނެކަމަށް ވިސްނާ ވިސްނުމެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ކިތަންމެ ރީތިވެފައި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް ހެޔޮލަފާ އެކުވެރިން އެމީހަކާއިއެކުގައި ނުތިބޭނެ ސިފަތަކެއްވެއެވެ. އެއިގެ ތެރެއިން އެއް ސިފައަކީ އެމީހަކީ ހަރުކަށި ގޮތްދޫނުކުރާ މީހަކަށްވުމެވެ.
ކައިވެނިކުރަން ބޭނުންވެގެން ތިބި ޢަދަދަށްބަލާއިރު ގިނައީ އަންހެނުންނެވެ. ވީމާ އަނބިން މިސިފައަށް ދޭސަމާލުކަން ބޮޑުކުރަންވާނެއެވެ. ތިމާގެ ކިބައިގައި މިސިފަ ހުރިނަމަ ފިރިމީހާ ތިމައާއިއެކުގައި ނުހުންނާނެކަން ޤަބޫލުކުރަންވާނެއެވެ. ފިރިމީހާއަކީ މިސިފަތައް ނެތް މީހަކުނަމަ އޭނާއަށް އެދިގެން ތިބި އަންހެނުންގެ ޢަދަދަށް ވިސްނަންވާނެއެވެ.
ހަމައެގޮތަށް ފިރިންވެސް މިކަމަށް ވިސްނަންވާނެއެވެ. ކައިވެނި ނުކުރެވި ތިބި އަންހެނުން ގިނަ ނަމަވެސް ތިބާއަށް ބޭނުންވާފަދަ ހެޔޮލަފާ އަންހެނުންނަކީ މަދު ބައެކެވެ. ތިބާއަށް ލިބުނު ހެޔޮލަފާ އަނބިމީހާ ގެއްލުމަކީ ފޫބެއްދޭނެ ދެރައަކަށް ނުވެދާނެއެވެ.
ވީމާ ހަރުކަށިކަމާ ގޮތްދޫނުކުރުމުގެ ސިފަ ދޫކޮށްލާށެވެ! ހެޔޮލަފާ ބައިވެރިން ތިބާއަށް ރުހި އެކުގައި ތިބޭނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް