ކެތްތެރިކަމުގެ އެންމެ މަތީދަރަޖަ އެނގެނީވެސް މަދުމީހަކަށް! އެދަރަޖަ ލިބިގަނެވިއްޖެ މީހަކަށް ސަލާމަތްނުވެވޭނެ ޙާލަތެއް ކުރިމަތިނުވާނެ! އިން ޝާ ﷲ: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކެތްތެރިކަމުގެ އެންމެ މަތީދަރަޖަ އެނގެނީވެސް މަދުމީހަކަށް! އެދަރަޖަ ލިބިގަނެވިއްޖެ މީހަކަށް ސަލާމަތްނުވެވޭނެ ޙާލަތެއް ކުރިމަތިނުވާނެ! އިން ޝާ ﷲ: ޑރ. ޔާސިރު ޤާޟީ

ކެތްތެރިކަމަކީ މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފަކަން އެންމެންނަށްވެސް އެނގޭނެއެވެ. ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދުމުން ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަންވެސް އެނގޭނެއެވެ. އަދި ބޮޑުކަމެއް ކުރިމަތިވެވަޑައިގެންފިނަމަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަސްވެވަޑައިގަންނަވަނީ ނަމާދެއް ނުކުރެއްވުމަށްކަންވެސް އެނގޭނެއެވެ.  

ގިނަ ބައަކަށް ނުއެނގެނީ ކެތްތެރިކަމުގެ އެންމެ މަތީދަރަޖައެވެ. އެދަރަޖައަކީ ކިތަންމެ ބޮޑު ހިތާމައެއް، މުޞީބާތެއް، ތަކްލީފެއް ކުރިމަތިވިނަމަވެސް އެފަދަ ކަމެއް ކުރިމަތިވެފައިވާކަން އެހެން އެއްވެސް މީހަކަށް ނުވެސް އެނގޭނެ މިންވަރަށް ކެތްތެރިވުމެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާކަމަށްވާވަރަށް ކެތްތެރިވެވުމެވެ.

އެފަދަ މީހުންނަށް ކަމެއް ދިމާވާއިރަށް އެކަމުގެ ވާހަކަ އެންމެންގެ ގާތުގައި ނުދައްކާނެއެވެ. އެކަން ބާއްވާނީ ތިމައާއި ﷲ ތަޢާލާއާއި ދެމެދުގައެވެ. އެފަދަ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެއެވެ. ފަޚުރުވެރިވެވޮޑިގަންނަވާނެއެވެ. އިން ޝާ ﷲ  

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ހަމައެކަނި ކެތްތެރިވުމަކަށް ނޫނެވެ. އެންމެ މަތީދަރަޖައިގައި ކެތްތެރިވުމަށެވެ. ދެން ބަލައިލަންވީ އެދަރަޖައަށް ކެތެތެރިވެވޭނެ ގޮތަކާއިމެދުގައެވެ. އެއީ މިވެނި ގޮތަކުން ކަމަށް ބުނާކަށް ނުއެނގެއެވެ. އޮތީ ކެތްތެރިވާން މަސައްކަތްކުރުމާއި އެކަމަށް ވާގިއެދުމަށެވެ. އެއިރުން އެމީހަކަށް ކެތްތެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން