ދަރިންގެ ތަޢުލީމަށްވުރެ މުހިންމު ކަމެއް ނެތް! ދެމަފިރިން އެކުގައި ތިއްބަސް ވަކިވެގެން ތިއްބަސް ދަރިންގެ ތަޢުލީމަށް އިހްމާލުވާން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދަރިންގެ ތަޢުލީމަށްވުރެ މުހިންމު ކަމެއް ނެތް! ދެމަފިރިން އެކުގައި ތިއްބަސް ވަކިވެގެން ތިއްބަސް ދަރިންގެ ތަޢުލީމަށް އިހްމާލުވާން ހެޔޮނުވާނެ!

ދަރިންގެ ކިޔެވުމަށް ހޭދަކުރުމަކުން ނުފުދެއެވެ. ސްކޫލަށް ގެންގޮސް ގެނައުމަކުންވެސް ނުފުދެއެވެ. އެންމެ މުހިންމު ކަމަކީ ދަރިންގެ ކިޔެވުމުގެ ކަންކަން ހިނގަމުންދާ ގޮތް ބެލުމެވެ. ބައެއް ދެމަފިރިން އެކުގައި ތިބެގެންވެސް އެކަމަށް އިހްމާލްވެއެވެ. ދެމަފިރިން ވަކިވެއްޖެނަމަ ދަރިފުޅު ބަލަހައްޓާ މީހާގެ ބޮލަށްޖަހައި އަޅައިވެސް ނުލާ ތިބޭ ބައަކުވެސް އުޅެއެވެ. މިއީ ވަރަށް ހިތާމަހުރި ކަންކަމެވެ. ދެމަފިރިން ވަކިވި ނަމަވެސް ދަރިންގެ ތަޢްލީމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ކުރުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެކަން އެނގިގެންދާ އިމާމް އަޙްމަދުގެ ބަސްފުޅެއް ހާމަކޮށްލާނަމެވެ. "ކެއިން ބުއިމަށްވުރެ ޢިލްމު އުނގެނުމުގެ މުހިންމުކަން މާބޮޑުކަން މުސްލިމުން ދަންނަންވާނެއެވެ. ސަބަބަކީ ދުވާލަކު މަދު އެތިކޮޅެއް، 2،3 ފަހަރު ކައިގެންވެސް ފުދިދާނެއެވެ. ނަމަވެސް ކުރާ ކޮންމެ ކަމަށް ޢިލްމު ބޭނުންވެއެވެ!" އިމާމް އަޙްމަދު މިއީ ވިސްނާ މީހަކަށް ވަރަށް ފައިދާހުރި ބަސްކޮޅެކެވެ. ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ކުރެވޭނީ އެކަމެއްގެ ޢިލްމާއި ހުނަރު އެމީހެއްގެ ކިބައިގައި ހުރެގެންނެވެ. ﷲ ތަޢާލާއަށް ކުރަން ޖެހޭ އަޅުކަންވެސް މީގެތެރޭގައި ހިމެނެއެވެ. މިބަސްފުޅަށް އެންމެ ބޮޑަށް ވިސްނައި ސަމާލުކަން ދޭންވީ މައިންބަފައިންނެވެ. ބައެއް މައިންބަފައިންނަށް ޤަބޫލުކުރެވެނީ ދަރިން ގޮވައިގެން އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކަށް ގޮސް ބޮޑު ޚަރަދުކޮށްގެން ކާން ދިނުމުން އެއޮތީ އެންމެ ބޮޑަށް ލޯބިވެވިފައި ކަމަށެވެ. އިމާމް އަޙްމަދުގެ މި ޢިބްރަތްތެރި، ޙިކުމަތްތެރި ބަސްފުޅުން އެނގިގެންދަނީ އެއީ ހަމަ މުޅިން ގޯސް ވިސްނުމެއް ކަމެވެ. ކިތަންމެ އާދައިގެ އެތިކޮޅެއް ކާންދީގެން ދަރިން ބަލައި ބޮޑުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ! ބަލަންވީ އެދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ފައިދާކުރާނެ ޢިލްމެއް އުނގަންނައިދިނުމަށެވެ. ދަރިން ތައުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދުމުން އެކުދިންނަށް ވަޒީފާދޭން އިންޓަރވިޔުކުރާއިރު ކުޑައިރު ކައިއުޅުނު ރެސްޓޯރަންޓްތަކާއިބެހޭ ގޮތުން ސުވާލެއް ނުކުރާނެއެވެ! ފަހަރެއްގައިވެސް ސުވާލުކުރާނީ ގްރޭޑްތަކުގައި ލިބުނު މާރކްސް އާއިމެދުގައެވެ. އެއީ ބައެއް ބޮޑެތި ކުންފުނިތަކުން މިހާރަކަށް އައިސް ސުވާލުކުރާ ކަމެކެވެ. ބޭނުމަކީ ކުއްޖާއަކީ ކުޑައިރުންސުރެ ކިޔަވަން މަސައްކަތްކުރި، ރަނގަޅު ނަތީޖާ ހޯދަމުން އައި ތޫނުފިލި ކުއްޖަކުތޯ ބެލުމެވެ! އެއީ ދުނިޔަވީ ބައެވެ. އެންމެ މުހިންމީ އާޚިރަތުގެ ބައެވެ. ދަރިންނަށްވެސް އެންމެ މުހިންމުކަމަކަށް އޮންނާނީ ދުނިޔެ ފަދައިން އާޚިރަތްވެސް ލިބުމެވެ. އަދި ދުނިޔެ ނުލިބުނު ނަމަވެސް އާޚިރަތް ލިބުމެވެ. އެކަން ޙާޞިލުކުރެވޭނީ ވެސް ޢިލްމުވެރިކުރުވައިގެންނެވެ. ވީމާ ބުނެލަން އޮތީ ދަރިންނަށް ދެ ދުނިޔެ ލިބެން އެދޭނަމަ އަގުބޮޑު ކެއިންބުއިމަށްވުރެ ޢިލްމު އުނގެނެން ދޭ ސަމާލުކައިތުރުކުރަންޖެހޭ ކަމަށެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން