ބޮޑުތަކުރުފާނުގެ ވާހަކަ ދެއްކުމަކުން ނުފުދޭ! ކޮންމެ މީހަކީވެސް ބޮޑުތަކުރުފާނަކަށް ވާންވެސް އެބަޖެހޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ބޮޑުތަކުރުފާނުގެ ވާހަކަ ދެއްކުމަކުން ނުފުދޭ! ކޮންމެ މީހަކީވެސް ބޮޑުތަކުރުފާނަކަށް ވާންވެސް އެބަޖެހޭ!

ޤައުމީ ދުވަސް އައުމުން ވަރަށް ބޮޑުތަކުރުފާނުގެ ވާހަކަ އެބަދައްކަމުއެވެ. ބޮޑުތަކުރުފާނު ހައަކަ މީހުންނާއިއެކު ކުޑަކުޑަ އަނގަމަތި ދޯންޏެއް (ކަޅުއޮއްފުންމި) ގައި ކުރެއްވެވި ޖިހާދުގެ މަތިވެރިކަމުގެ ވާހަކަވެސް އެބަ ދައްކަމުއެވެ. އެހުރިހާ ކަމަކަށް ތަޢްރީފްކޮށް ޘަނާވެސް އެބަކިޔަމުއެވެ.  

އަޅުގަނޑުގެ ސުވާލަކީ އެވަރުން ފުދޭހެއްޔެވެ؟ އެވަރުން ފުއްދާލައިގެން ތިބެވެން އެބައޮތް ހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ ނޫނެކެވެ. އެއަށްވުރެ މާވަރުގަދަ ޖިހާދެއް މިއަދު މިއޮތީ ކުރަންޖެހިފައެވެ.  

ބޮޑުތަކުރުފާނު ކުރެއްވެވި ޖިހާދަށް ބަލާއިރު ޤައުމުގެ މިނިވަންކަމަށްވުރެވެސް ބޮޑަށް އިސްކަންދެއްވާފައިވަނީ ދިވެހިރައްޔތުންނަށް އިސްލާމްދީން މަތީގައި ޘާބިތުވެ ތިބެވުމަށެވެ. އެކަން ﷲ ތަޢާލާ ވަރަށް ފުރިހަމައަށް ހިންމަވައި ދެއްވެވިއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އެއީ މޯބައިލްފޯނެއް، ސެޓެލައިޓު ފޯނެއް ނެތްތަކުގައި މުވާސަލާތީ އެއްވެސް ވަސީލަތެއް ނެތްޒަމާނެވެ. އެފަދަ ޒަމާނެއްގައި ޕޯޗިގީޒުން ދިވެހިންގެ ކަރަށް ގަދަކަމުން ރާއަޅަން ނިންމާފައި އޮތްދުވަހުގެ ކުރީރޭ މާލެއަށް އަރައިވަޑައިގެންނެވުނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމަ އިއްތިފާޤެއް ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެއީ އެކަން ﷲ ތަޢާލާ ނިންމެވި ގޮތެވެ. ދިވެހިން ކާފިރުވެގެން ދިއުމަށް ﷲ ތަޢާލާ އިރާދަނުކުރެއްވެވީއެވެ.  

ދުލާ ޤަލަމުގެ މިނިވަންކަން އޮތުމުން ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަކަށް ވާހަކަތައް ފެތުރިދާނެއެވެ. ނަމަވެސް ހިނގައި ދިއަ ކަންކަމަށް ވިސްނުމުން މިބުނެވުނު ވާހަކައިގެ ޙަޤީޤަތް ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ.  

ދެން ބަލައިލަންވީ މިއަދުގެ ޙާލަތަށެވެ. ބައެއް ވާހަކަ ރައްޔިތުން ބަލައިނުގަންނާނެތީ ހީލަތްތެރި ގޮތަކަށް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކުހެން ރައްޔިތުންގެ މަޖިލީހުގައި 5 އަހަރުވަންދެން ދެއްކީ އިހަށްދުވަހުއެވެ. ނިމިދިއަ ސަރުކާރުގެ 5 އަހަރުގައެވެ. 2019 އިން 2023 އަށެވެ. މަޖިލީހުގެ ރިޔާސަތުން އެކަމަށް މަގުފަހިކޮށްދިންވަރުން އެއީ މަޖިލީހުގެ ރިޔާސަތުން ބޭނުންވެގެން ދެއްކި ވާހަކަތަކެއްކަން ކިތަންމެ ރަނގަޅަކަށްވެސް އެއޮތީ ހާމަވެފައެވެ. މިކަމަށް ދެކޮޅުހެދޭނީ ކޮންގޮތަކުން ހެއްޔެވެ؟  

އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުން މިދާ ކަންކަމަށް ފުންކޮށްވިސްނަން އެބަޖެހެއެވެ. ބޮޑުތަކުރުފާނު ކުރެއްވެވި ޖިހާދުކުރަން ކޮންމެ ދިވެހިރައްޔިތަކުވެސް ނުކުންނަން އެބަޖެހެއެވެ. ރާއްޖެއިން އިސްލާމްދީން ފުހެލަން ވަރަށް ރޭވުންތެރިކަމާއިއެކު ކުރަމުންގެންދާ ކަންކަމަށް ނޫނެކޭ ބުނެ އެކަންކަން ހުއްޓުވަން އެމީހަކަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން އެބަޖެހެއެވެ.  

ﷲ ގެ ޢަދާވާތްތެރިންނަށް ފައުޅުގައި ނޫނެކޭ ބުނަން އެބަޖެހެއެވެ. ﷲ ތަޢާލާގެ ދީނަށްޓަކައެވެ. ދިވަހި ޤައުމަށްޓަކައެވެ. ތިމާގެ އަމިއްލަ ނަފުސަށްޓަކައެވެ. ތިމާގެ ނަފުސް ނަރަކައިން ސަލާމަތްކުރުމަށެވެ. ﷲ ތަޢާލާގެ ދީނަށް ޢަދާވާތްތެރިވި މީހުންނާއިއެކު މަޙްޝަރުކުރައްވަވައިފިނަމަ ތިމާއަށް ސަލާމަތްކަން ދެވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ވީމާ އަޅުގަނޑުމެންނަށް އޮތީ ބޮޑުތަކުރުފާނު ކުރެއްވެވި ޖިހާދުން ޙާޞިލުކުރަންޖެހޭ ޢިބްރަތް ޙާޞިލުކުރުމެވެ. ބޮޑުތަކުރުފާނުގެ ޢަޒުމުގައި ކެރިގެން ކުރިއަށްދިއުމެވެ.  

"ޔާ ﷲ! އަޅުގަނޑުމެންގެ ޤައުމަކީ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވާނދޭވެ! އިސްލާމް ދީންމަތީގައި ޘާބިތުވެ ތިބުމުގެ ވިސްނުން ދެއްވަވާނދޭވެ!" އާމީން

މިއަދު އޮންލައިން