އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ކުރެއްވި ގައުމީ ޖިހާދަކީ ދިވެހިންގެ ކެރުމާއި ހިތްވަރުގެ ނުހަނު މަތިވެރި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ފަސްޓް ލޭޑީ ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
އެކަމަނާގެ މެސެޖުގައި، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ހައްގުގައި ޕޯޗުގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރައްވައި، އެ ބޭފުޅުން ދެއްކެވި ސާބިތުކަމަށް ތައުރީފު ކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދަކީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، އެއްބައިވަންތަކަމުގެ އިތުރުން އަޒުމު ވަރުގަދަކަމުގެ ރީތި މިސާލެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގައުމީ ދުވަހަކީ ގައުމީ ބަތަލުންގެ މަތިވެރި ގުރުބާނީން އިބުރަތް ހާސިލުކޮށް، ގައުމީ ލޯބި އާލާކުރަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވައި، ދިވެހި ގައުމިއްޔަތާއި އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.
ކޮންމެ އަހަރަކު ރާބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ގައުމީ ދުވަސް ފާހަގަކުރަނީ، 15 އަހަރާއި 6 މަސް ދުވަހުގެ އަޅުވެތިކަމަށްފަހު، މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަތުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި މަތިވެރި ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.