ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ އާސިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ މުޙައްމަދު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ލީޑަރުންނަށާއި، ސަރުކާރަށާއި، އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.

ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ރާއްޖެއިން ދޭ މަތީ އަހަންމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެއްބާރުލުން ދެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ވަރުގަދަ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ، ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ޕާކިސްތާނުގެ ރައްޔިތުންނަށް ދާއިމީ ކުރިއެރުމާއި ފާގަތިކަމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން