ވޭތުވެދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ އެހީގެ ގޮތުގައި 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން އަލަށް އާންމުކުރި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ. މި ރިޕޯޓަކީ ޒަކާތު ހައުސްއިން ނިމިދިޔަ އަހަރު ކުރިއަށްގެންދިޔަ މަސައްކަތްތަކާއި، ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހިގެންދިޔަ ގޮތުގެ ތަފްސީލުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ރިޕޯޓުގައިވާ ތަފްސީލުތަކަށް ބަލާއިރު، ޒަކާތު ފަންޑުގެ އެކި ބައިތަކުން ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ފަޤީރުންނާއި މިސްކީނުންގެ ބަޔަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާއިރު، ޒަކާތް ނެގުމާއި ބެލެހެއްޓުމުގައި މަސައްކަތްކުރާ ޢާމިލުންގެ އުޖޫރައިގެ ގޮތުގައި 4.21 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން، ދީނާ ގާތްކުރަންޖެހޭ މީހުން ނުވަތަ މުއައްލަފަތު ޤުލޫބުހުމްގެ ބައިން 3,500 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ދަރަނިވެރިންނަށް އެހީވުމުގެ ގޮތުން 1 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ދޫކޮށްފައިވާއިރު، ފީސަބީލިﷲ (މާތްﷲގެ މަގުގައި ކުރެވޭ ހެޔޮކަންކަން) ބައިން 13.44 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ދަތުރުމަތީގައި ހާލުގައިޖެހޭ މީހުން ނުވަތަ އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ އެހީގެ ގޮތުގައި ދީފައެވެ.
ޒަކާތު ހައުސް އުފައްދަވައި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މި ރިޕޯޓުން ހާމަވަނީ ޒަކާތުގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމުގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ މިންވަރެވެ.