އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނާއި ސިނާއަތްތަކުގެ އިސް ފަރާތްތަކުގެ މަޝްވަރާއާއި ބިނާކުރަނިވި ޚިޔާލުތައް ސަރުކާރަށް ސިދާ ހުށަހެޅޭނެ ފަދަ ނިޒާމެއް ގާއިމްކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އޮޅުންފިލުވުމަށް "ރައްޔިތުންގެ އަޑު"ގެ ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގެ މާކެޓިންގައި މަސައްކަތްކުރާ ޒުވާނަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެ ޒުވާނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ މުހިންމުކަމާއި، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސާ ހިއްސާކޮށްފައެވެ.
ޒުވާނާގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ސިޔާސަތުތައް އެކުލަވާލުމުގައި އެ ދާއިރާގެ ބޭފުޅުންގެ މަޝްވަރާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އަދި މިފަދަ ބިނާކުރަނިވި ޚިޔާލުތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ފަސޭހައިން ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު މި އުޅެނީ އެކި ކަހަލަ ސެކްޓާތަކުގެ ބޭފުޅުންގެ މަޝްވަރާ ހުށަަހެޅޭނެ ކަހަަލަ ސިސްޓަމެއް ގާއިމްކުރަން. ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެ. އޭރުން ބިނާކުރަނިވި ޚިޔާލުތައް ހުށެހެޅޭނެ،" ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސިނާއަތް ސިންދަފާތުކޮށް، އާ ގޮފިތައް ތައާރަފްކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އެގޮތުން ކަލްޗަރަލް ޓޫރިޒަމާއި މައިސް ޓޫރިޒަމަކީ ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރިސޯޓް ހަދަން ފަށައި، އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ނިންމައި ހުޅުވޭނެ މަގުތައް ބަލަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޒުވާނުންނާއި ދާއިރާގެ މާހިރުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ޚިޔާލުތަކަކީ ގައުމުގެ ތަރައްގީއަށް މުހިންމު އެއްޗެއް ކަމަށާއި، އެ ޚިޔާލުތައް ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެނެސްދީ، އަމަލީ ސިފަ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.