މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫންމަހާ އަޅައިބަލާއިރު ޖުލައި މަހު އެ އޮތޯރިޓީން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އަދި އުމްރާގެ ދަތުރުތަކަށް ޑޮލަރު ދޫކުރި މިންވަރު އިތުރުވުމެވެ. މިގޮތުން، މި ބޭނުންތަކަށް ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު ވަނީ ޖޫންމަހާ އަޅާބަލާއިރު 172 އިންސައްތަ އިތުރުވެފައެވެ.
ރާއްޖޭގެ ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. އަދި ބޭންކުތަކަށް މިގޮތަށް މާރުކުރާ ޑޮލަރުގެ ތެރެއިން 90 އިންސައްތަ ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. އެމްއެމްއޭއަށް މިގޮތަށް ލިބޭ ޑޮލަރުގެ ތެރެއިން ބައެއް އާންމުންގެ އެކި ބޭނުންތަކަށް ދޫކުރުމަށްޓަކައި އަނބުރާ ބޭންކުތަކަށް ވިއްކާއިރު، ބާކީބައި ބޭނުންކުރަނީ ދައުލަތުގެ ރިޒާވް ހަރުދަނާ ކުރުމަށެވެ.
ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު މިހާ ބޮޑަށް އިތުރުވެފައިވަނީ، އާންމު ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ޚާއްޞަކޮށް ޗުއްޓީ ދުވަސްވަރާއި އުމްރާ ދަތުރުތަކާ ދިމާކޮށް ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމަކީ މި ބަދަލު އައުމުގެ މައިގަނޑު ސަބަބު ކަމަށް ބެލެވެއެވެ.