ރާޔާ އެއާވޭސްގެ ކާގޯ ދަތުރުތައް ރާއްޖެއަށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރާޔާ އެއާވޭސްގެ ކާގޯ ދަތުރުތައް ރާއްޖެއަށް ފަށައިފި

ރާޔާ އެއާވޭސްއިން ރާއްޖެއަށް ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވައިގެ މަގުން މުދާ އުފުލުމަށް ހުޅުވިގެންދިޔަ އައު ދޮރެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދެއްވާ ގޮތުގައި، ރާޔާ އެއާވޭސްގެ މި ދަތުރުތައް ބާއްވަނީ މެލޭޝިއާގެ ޕެނޭންގްއާއި މާލެއާ ދެމެދުގައެވެ. މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. އެމްއޭސީއެލްއިން ވިދާޅުވި ގޮތުގައި މި އެއާވޭސްގެ ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ.

މިއީ މެލޭޝިއާއިން ތާވަލުކޮށްގެން ރާއްޖެއަށް ކުރަން ފެށި ފުރަތަމަ ކާގޯ ދަތުރުތަކެވެ. މި ޚިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރު ކޮށްގެން ކުރިއަށްގެންދާ ދަތުރުތަކެކެވެ.

އެމްއޭސީއެލްއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އައު ދަތުރުތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޕެނޭންގާ ދެމެދު ސީދާ ވައިގެ ގުޅުމެއް ވަނީ ގާއިމުވެފައެވެ. ރާޔާ އެއާވޭސްގެ މި ޚިދުމަތާއެކު، ދެކުނު އިރުމަތީ އޭޝިއާއާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އައު ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން