އިމްތިހާން ފީ ނުވަތަ އެފަދަ ތައުލީމީ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވާނަމަ، އެކަން ބޭންކަށް އެންގުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.
ބޭންކުން މިފަދައިން އެދިފައިވަނީ، އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، މިފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.
ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ދުވާލަކަށް ކަސްޓަމަރުންނަށް ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް މިހާރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓުތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އެ ބޭންކުން ކަށަވަރުކޮށްދެއްވައެވެ.
އިމްތިހާން ފީ ދެއްކުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ބީއެމްއެލްއިން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، އައިއީއެލްޓީއެސް (IELTS) ފަދަ ބައެއް އިމްތިހާންތަކުގެ ފީ ދައްކާއިރު، ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް ބޭންކަށް ލިބޭ "މަރޗަންޓް ކެޓަގަރީ ކޯޑު" ތަކުގައި މައްސަލަތަކެއް ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް މުޢާމަލާތްތައް ހިނގަނީ "ތަޢުލީމީ" ދާއިރާގެ ކޯޑުގެ ދަށުން ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުން ކަމަށްވާތީ، އެފަދަ ހާލަތްތަކުގައި މުޢާމަލާތްތައް ފުރިހަމަނުވެ ޑިކްލައިންވާ ކަމަށް ބޭންކުން ވިދާޅުވިއެވެ.
މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމަށް ބީއެމްއެލްއިން އިރުޝާދު ދެއްވައެވެ. އެފަދަ ހުށަހެޅުންތައް ލިބުމުން، ބޭންކުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެ ސައިޓަކީ ތަޢުލީމީ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅައި، ކުރިއަށް އޮތް ތަނުގައި ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތަށް އެކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދެއްވާފައެވެ.