އައްޑޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތައް އޮތީ ފައިނަލް ސްޓޭޖުގައި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އައްޑޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތައް އޮތީ ފައިނަލް ސްޓޭޖުގައި: ރައީސް

އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި އިގްތިސާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއުތައް މިހާރު އޮތީ އަމަލީ ގޮތުން ފެށުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އައްޑޫ އަކީ މާލެއަށް ފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއަށް ވާތީ، އެ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ފަދަ މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

މިގޮތުން، އައްޑޫގެ ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ހިންގާ ހަންކެޑެ ޕްރޮޖެކްޓާއި އާސޭރި ޓޫރިޒަމް ޕްރޮޖެކްޓްގެ އިތުރުން އެހެނިހެން މަޝްރޫއުތައްވެސް ބާރުމިނުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. "އަމަލީ ގޮތުން އެ ކަންތައްތައް ފެންނާނެ މާލަސްތަކެއް ނުވެ، ވަރަށް ފައިނަލް ސްޓޭޖުގަ ކަންތައްތައް އެހުރީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އައްޑޫ ސިޓީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިންވެސްޓުމެންޓުތަކަށް ފަހި ތަނަކަށް ހެދުމުގެ މަގްސަދުގައި، ތިން އަހަރު ދުވަހުގެ ހާއްސަ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިއުލާން ކުރައްވާފައިވާ މުހިންމު މަސައްކަތެކެވެ.

އައްޑޫގެ ތަރައްގީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، އެ ސިޓީގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން