ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވަން ފެށި ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން، "ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026" ރޭ ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، ވުޒާރާގެ އެކި މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، ހުރިހާ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ވެރިކަން ހިންގެވުމުގައި އިސްލާމްދީނުގެ ކަންތައްތަކަށް އެންމެ އިސްކަމެއް ދެއްވުން ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުން ގިނަގުނަ ކާމިޔާބީތަކެއް ހާސިލުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި ސިލްސިލާގެ ދަށުން ފާއިތުވެދިޔަ ދެ އަހަރު ވަކި އިސްތިރާޖީ ޚާއްސަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އެންމެ މުހިއްމު މަސައްކަތަކީ ދިވެހިރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތައް. މި މަސައްކަތްތަކުގެ އެންމެ މުހިއްމު ބައިވެރިންނަކީ ލޮބުވެތި ޢިލްމުވެރިން،" ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި ޖުމްލަ 101 ދީނީ ޢިލްމުވެރިން ބައިވެރިވެލައްވައެވެ. މީގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ޚަޠީބުންނާއި، 13 އިމާމުންގެ އިތުރުން 24 އިސްލާމް މުދައްރިސުން މި ބައްދަލުވުމުގައި ބައިވެރިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މިއަހަރުގެ ތީމަކީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އެވެ. މި ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ ގޮތުން މުހިއްމު ތަފާތު މަޢުޟޫއުތަކަށް ބަޙުޘްކުރުމާއި، ޢިލްމުވެރިންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ވަނީ ކާމިޔާބީއާއެކު ބާއްވާފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، ދީނީ އަދި އިޖުތިމާޢީ މުހިއްމު މައްސަލަތަކަށް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެކެވެ.

މިއަދު އޮންލައިން