ނުތަނަވަސްކަމުގަ ހުންނަ މީހާއާ މުޢާމަލާތުކުރަން އެންމެ ފައިދާހުރި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނުތަނަވަސްކަމުގަ ހުންނަ މީހާއާ މުޢާމަލާތުކުރަން އެންމެ ފައިދާހުރި ގޮތް!

ވަރަށް ބޮޑު ހާސްކަމެއްގައި ހުރެ އެކުވެރި ޢިލްމްވެރިއަކާއި ބައްދަލުކުރީމެވެ. ކުރިމަތިވެގެންއުޅޭ މައްސަލަ ކިޔައިދިނީމެވެ. އޭނާ ފުރަތަމަވެސް އެހީ މައިންބަފައިންގެ ޙާލުގެ ވާހަކައެވެ. އެކަމަކު ދެއްކި ވާހަކަ ނިންމައިލިއިރު ބޭނުންވި ކަންކަން އޮތީ އޮޅުންފިލައިފައެވެ.  

މިއީ މީހަކު ބުނި ވާހަކައެކެވެ. ދެން މިދައްކަނީ އަހުރެން ދައްކަން ބޭނުންވާ ވާހަކައެވެ. މިކިޔައިދިން ވާހަކަކޮޅާއި ގުޅިގެންދާ ސަބަބަށް ވިސްނައިގެން އަޑުއަހާށެވެ!  

ތިމާގެ ބޭނުންތައް ފުދިގެން ހުރިނަމަވެސް ސިކުނޑިއަށް ބާރުބޮޑުވާ ފަދަ ކަންކަން މެދުވެރިވުމުން މީހުންގެ ވިސްނުން ހަމައިން ނެއްޓިގެންދެއެވެ. އެޙާލަތުގައި ހުންނައިރު އެހެން މީހުންދޭ ހެޔޮ ނަޞޭޙަތް އަޑުއަހަންވެސް އުނދަގޫވެއެވެ.  

މިޙާލަތުގައި އޭނާގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލަން އެންމެ ކާމިޔާބު އެއްގޮތަކީ ކުރިމަތިވެގެން އުޅޭ މައްސަލައިގެ ވާހަކައިގެ އިތުރުން އޭނާ ޝައުޤުވެރިވާފަދަ އެހެން ކޮންމެވެސް ވާހަކައެއް ދެއްކުމެވެ. ނަމަވެސް އެކަމަށް ވިސްނަނީ މަދު ބައެކެވެ. ގިނަ މީހުން ކިތަންމެ ގިނައިރެއްވަންދެންވެސް ދައްކާނީ އަނެކާއަށް ކުރިމަތިވެފައިވާ މައްސަލައިގެ ވާހަކައެވެ.  

އެގޮތަށް ކަންކަންތައް ކުރުމުން ވާގޮތަކީ އަނެކާގެ ހިތުގައި ރޯވެފައިވާ ހުޅުގަނޑަށް އިތުރަށް ޕެޓްރޯލް އުކެނީއެވެ. ނަތީޖާއެއްގެ ގޮތުން ހުޅުގަނޑު ދާނީ އިތުރަށް ބޮޑުވަމުންނެވެ. އެކަން ވެގެންދާނީ އޭނާއަށް ދެވޭ އިތުރު އަނިޔާއަކަށެވެ. ވޭންތައް ދާނީ ބޮޑުވަމުންނެވެ.  

އެހެންވެ ތަޖުރިބާހުރި މީހަކަށް ޝަކުވާތައް ހުށަހަޅައިފިނަމަ އަޑުއަހައި ނިންމާލުމަށްފަހު އޭނާގެ ވާހަކަ ފަށާނީ މުޅިން ތަފާތު ކަމަކުންނެވެ. އެގޮތަށް ވާހަކަދައްކަމުން، ދައްކާ ވާހަކައިގެ ތެރެއިން އަނެކާއަށް ދޭން ބޭނުންވާ މެސެޖްތައް ދެމުން ގެންގޮސް ވާހަކަ ނިންމައިލާއިރު އަނެކާއަށް ވާނީ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައެވެ.  

ވީމާ އެކުވެރިއަކަށް ނުވަތަ ތިމާގެ ބައިވެރިޔާއަށް ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވެގެން އުޅޭނަމަ މިބުނެދިން މޭރުމުން އޭނާއާއި ވާހަކަދައްކާށެވެ. އޭނާއަށް ވިސްނައިދޭން މިމޭރުމުން މަސައްކަތްކުރާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

 

- ކައުންސިލިންގ ދިނުމުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު މީހަކު ދައްކާފައިވާ ވާހަކައަކުން

މިއަދު އޮންލައިން