ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޚިދުމަތުގެ ޤައުމީ އިނާމު، ގ. އިލާ، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ އިޙްސާން ޢަބްދުލްޣަނީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. މަޖީދިއްޔާ ސްކޫލް އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް ވެދެވަޑައިގެންނެވި ނަމަވެސް، ޒުވާން އުމުރުފުޅުގައި އިޙްސާން ޚާއްޞަވެވަޑައިގަތީ ކޯޗިންގގެ ދާއިރާއަށެވެ.

ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި އިޙްސާން ޢަބްދުލްޣަނީގެ ހިއްސާ ބޮޑެވެ. އެގޮތުން 2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު، ދެކުނު ކޮރެއާއާއި ދެކޮޅަށް ކުޅެ ރާއްޖެއިން އެއްވަރުކުރި ތާރީޚީ މެޗުގައި އެސިސްޓެންޓް ކޯޗަކީ އިޙްސާން ޢަބްދުލްޣަނީއެވެ. މީގެއިތުރުން، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓަކީވެސް އިޙްސާން ޢަބްދުލްޣަނީއެވެ. އަދި އޭގެ 10 އަހަރު ފަހުން، ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭނާ ހުންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުގައެވެ. ކްލަބް ފެންވަރުގައި ބަލާއިރު، ކްލަބް އީގަލްސްއަށް އައު ޒުވާން ކުޅުންތެރިން ތަޢާރުފުކުރައްވައި، އެ ކުޅުންތެރިންނާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރެއްވުމަކީ އިޙްސާންގެ ކޯޗިންގ ޙަޔާތުގެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯޗިންގ ކޭމްޕުތައް ހިންގަވައި، އަތޮޅުތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯއްދަވައި މާލެ ގެންނަވައިގެން އެ ކުޅުންތެރިން ފުޓްބޯޅައިގެ ތަރިންނަށް ހައްދަވައިދެއްވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށާއި، އަންނަން އޮތް ޖީލުތަކަށް ފުރުޞަތުތައް ފަހިކޮށްދެއްވުމުގައެވެ.

އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން