ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއަކީ ތިލަފުށި ޕޯޓުގެ މަޝްރޫޢު: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއަކީ ތިލަފުށި ޕޯޓުގެ މަޝްރޫޢު: ރައީސް


ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއަކީ ތިލަފުށި ޕޯޓުގެ މަޝްރޫޢު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ތިލަފުށި ޕޯޓުގެ މަޝްރޫއަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، މުޅި ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ވަރަށް ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް އެ ބަނދަރު ހުޅުވައި ޚިދުމަތް ދޭން ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. މި މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން، މިހާރު މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މުދާ އަރުވައި ބޭލުމުގެ ކަންކަން އަވަސްވެ، ވިޔަފާރިވެރިންނަށް ކުރިމަތިވާ ތަކްލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ތިލަފުށީގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ޕޯޓަކީ ރާއްޖޭގެ މުސްތަޤުބަލުގެ އިޤްތިޞާދީ މައިނާރުގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ އައު ފުރުޞަތުތައް ހުޅުވި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެގެންދާނެ ކަމަށްވެސް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.

މިއަދު އޮންލައިން