ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ބޯމަތީގައި އޮތް ފަރުދީ ޒިންމާއެއްކަމަށް ތަރިކައާއި ފަންނާއި ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގައުމީ ދުވަހު ކޮންމެ މީހަކުވެސް ކުރާ ފުރަތަމަ ކަމަކަށް ވާންވާނީ ގައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށެވެ. އަދި ގައުމާއިގެން ކުރިއަށްދިއުމާއި ގައުމު ބިނާކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއްކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ގައުމު ބިނާކުރުމާއި މިނިވަންކަން ދެމެހެއްޓުމަކީ ހަމައެކަނި ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހެއްގެ ހިތުގައި އުފެދޭ ފުން ޝުއޫރުތަކަކާއި އިހުލާސްތެރިކަމެއްގެ މައްޗަށް ބިނާވާ ފިކުރީ ހަރަކާތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަމަކީ ހާލަތާ ގުޅޭގޮތުން ބަދަލުވަމުންދާ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މިއަދުގެ ހާލަތަށް އަލިއަޅުވާލައްވަމުން ހީނާ ވިދާޅުވީ، ދިވެހިން އެހެން މީހުންނާ ތަފާތުވާ ސަބަބުތަކާއި، ގައުމެއްގެ ސިފަ ފުރިހަމަވާންޖެހޭ ޝަރުތުތަކަށް ބަދަލު އައުމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށެވެ. "މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެފައިވަނީ މި ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރައިލުން. ގައުމިއްޔަތު ދިރުވައި އާލާކޮށް އޭގެ ހަގީގީ މަގާމަށް އިއާދަކުރުމުގެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މިފަދަ ގައުމީ މަގުސަދުތައް ހާސިލުކުރުމަށްޓަކައި،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މާޒީގެ ފަހުރުވެރި ތާރީޚުން އިބުރަތް ލިބިގަނެ، ގައުމީ ސިޔާދަތު ދިފާއުކޮށް، ގައުމީ ލޯބި އުފެއްދުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި ގައުމިއްޔަތުގެ ސިޔާސަތުން އުފަންކުރާ ޒުވާނުންނަކީ ގައުމު ދިފާއުކުރާނެ ވަރުގަދަ ބާރަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އުތީމުގައި މި ދުވަސް ފާހަގަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ. އެގޮތުން، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ގައުމީ ޚިދުމަތުގެ ޛިކުރާ އާކުރުމަށާއި، އެ ތަކުރުފާނުގެ އާސާރުތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހިންގަވާ ގައުމީ މަޝްރޫއަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.