ހއ. އުތީމު: މިއަހަރުގެ ކުލަގަދަކޮށް ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭންޑް އެންޑް މިއުޒިކް ވިންގުގެ ފަރާތުން ބާއްވާ ޚާއްސަ ހަރަކާތްތަކެއް ހއ. އުތީމުގައި މިއަދު ބާއްވައިފިއެވެ.
މި ހަރަކާތަކީ ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވަރަށް ފޯރިގަދަ ހަރަކާތެކެވެ. މިއަދު ހަވީރު އުތީމުގެ ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި، އެމްއެންޑީއެފްގެ ބޭންޑުން ވަނީ ޤައުމީ ރޫޙު އާލާކޮށްދޭ ފަދަ ތަފާތު ލަވަތަކާއި ރާގުތައް ކުޅެ، އެ ސަރަހައްދަށް އެއްވި މީހުންގެ ޝައުޤުވެރިކަން ދަމައިގަނެފައެވެ.
މި ހަރަކާތް ބަލާލުމަށްޓަކައި އުތީމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއާއި އެހެނިހެން ހަރަކާތްތަކަށް އެ ރަށަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ މީހުން ބަނދަރު ސަރަހައްދަށް އެއްވެފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ވަނީ ކުޑަކުދިންނަށް ވަރަށް ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ބޭންޑުގެ މެންބަރުންނާއެކު، އެމްއެންޑީއެފްގެ ބޭންޑު ޔުނީފޯމުގައި ފޮޓޯ ނެގުމުގެ ފުރުޞަތު ކުޑަކުދިންނަށް ހުޅުވާލިއިރު، އެ ސަރަހައްދަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ކުދިން ވަނީ ބޭންޑުގެ މެންބަރުންނާއެކު ފޮޓޯ ނަގާފައެވެ. މީގެ އިތުރުން، އެމްއެންޑީއެފުން ވަނީ އެ ސަރަހައްދަށް ދިޔަ ކުޑަކުދިންނަށް ޚާއްސަ ހަދިޔާތަކެއްވެސް ބަހާފައެވެ.
މިފަދަ ހަރަކާތްތަކަކީ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކުރުމަށާއި، ސިފައިންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެއްކަން ފާހަގަކުރެވެއެވެ.