މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މަސްވެރިކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި "މަސްވެރިންގެ ގުންޒަރު" ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ވުޒާރާއިން މާލޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް ފިޝިންގ ނުވަތަ ކުޅިވަރެއްގެ ގޮތުގައި މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ 44 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި އެކުލަވައިލާ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރުމެވެ. މީގެ އިތުރުން، މި ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ދާއިރާގެ މަސްލަޙަތުވެރިންގެ އަގުހުރި ޚިޔާލާއި މަޝްވަރާ ހޯދުންވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، މުނިފޫހިފިލުވުމުގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެވި، ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކަކީ މަސްވެރިންގެ ބައިވެރިވުމާއެކު އެކަށައެޅޭ ސިޔާސަތުތަކަކަށް ވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ދެކެއެވެ.