އެން އާލާކޮށް ދޫކުރާ މަރުކަޒެއްގެ ގޮތުގައި ގއ. މާނަގަލާ ޑިސެމްބަރު މަހު ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
އެން އާލާކޮށް ދޫކުރާ މަރުކަޒެއްގެ ގޮތުގައި ގއ. މާނަގަލާ ޑިސެމްބަރު މަހު ހުޅުވަނީ

އެން އާލާކޮށް، މަސްވެރިންނަށް އެން ދޫކުރާ މަރުކަޒެއްގެ ގޮތުގައި ގއ. މާނަގަލާ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، މަސްވެރިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެން ނުލިބުން ކަމުގައި ފާހަގަކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެން ނަގާ ސަރަހައްދުތަކުން ވެލިނަގައި ބިން ހިއްކުމުގެ ސަބަބުން އެކަމަށް އެއްވެސް ވަރެއްގެ ދިރާސާއެއް ކުރެވިފައިވޭތޯ ސުވާލުކުރައްވާފައެވެ. އަދި އެކަން ހުއްޓުވައި އެންވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މެންބަރު ސުވާލު އަމާޒުކުރެއްވިއެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްދާއިރު، އެންވެރިކަން ކުރާ ސަރަހައްދުތަކަށް އޭގެ އަސަރު ކުރޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ކޮންމެ މަޝްރޫޢެއްވެސް ކުރިއަށް ގެންދަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) އާ އެކީގައިކަން ފާހަގަކުރައްވައި، އެފަދަ މަޝްރޫޢެއް އެންދަމާ ސަރަހައްދަކާ ކައިރިވާނަމަ އީ.އައި.އޭ މަރުހަލާގައި ވުޒާރާއާ މަޝްވަރާކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި މަޝްރޫޢުތަކާ ގުޅިގެން ކަންބޮޑުވުންތައް އައި ނަމަވެސް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކަންކަމަށް ހައްލު ހޯދައިދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދަކަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްދާއިރު ކަނޑުގެ މުޅި އިކޯސިސްޓަމަށް އޭގެ އަސަރު ނުކޮށެއް ނުދާނެ ކަމަށެވެ. އެހެންކަމުން، އެން ނުލިބިގެން މަސްވެރިން މަހަށް ނުފުރި ތިބެންޖެހޭ ޖެހުމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަސައްވުރެއް ކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.

މި ތަސައްވުރުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް ފަސޭހައިން އެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މާނަގަލާގެ އިތުރުން ކ. މަނިޔަފުށި ބޭރުގައިވެސް އެން އާލާކުރުމުގެ ތަހުލީލުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެން އާލާކުރުމުގެ ދިރާސާތައް ކުރާތާ މިހާރު 8 މަސްދުވަސް ވެފައިވާއިރު، މި މަސައްކަތް ފެންނަނީ ވަރަށް ކާމިޔާބު ކަމެއްގެ ގޮތުގައި ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިއަދު އޮންލައިން