ތިމާގެ ހުރިހާ ކަމެއް ފުރިހަމަކަމަށް ދެކި، ހަމައެކަނި ބައިވެރިޔާއަށް ކުރެވޭ ކުށްތައް ފާހަގަކުރާ މީހަކަށް އެއްވެސް ބައިވެރިއަކާއެކު އުޅެވުން ވާނީ ނާދިރުކަމަކަށް! ގާތީ އެކަން ނުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ތިމާގެ ހުރިހާ ކަމެއް ފުރިހަމަކަމަށް ދެކި،
ހަމައެކަނި ބައިވެރިޔާއަށް ކުރެވޭ ކުށްތައް ފާހަގަކުރާ މީހަކަށް އެއްވެސް
ބައިވެރިއަކާއެކު އުޅެވުން ވާނީ ނާދިރުކަމަކަށް! ގާތީ އެކަން ނުވުން!


ހުރިހާ ކަންކަން އެންމެ ފުރިހަމަ ހަމަ އެއްވެސް އިންސާނަކު ﷲ ތަޢާލާ އުފައްދަވާފައެއް ނުވެއެވެ. އިންސާނުން އުފައްދަވާފައިވަނީ އުނި ސިފަތަކާއިއެކުގައެވެ. ވީމާ ކޮންމެ މީހެއްގެ ކިބައިގައިވެސް ކޮންމެވެސް އުނި ސިފައެއް ނުވަތަ އުނި ސިފަތަކެއް ހުންނާނެއެވެ!

އެހެންކަމަށްވާއިރު ހުރިހާ ކަމެއް އެންމެ ފުރިހަމަ ބައިވެރިއަކު ދުނިޔެއިން ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ މުޅި ދުނިޔޭގައި އެކަމަށްޓަކައި އަތްފުނާ އެޅިނަމަވެސް އެފަދަ ބައިވެރިއަކު ނުލިބޭނެ ނޫންހެއްޔެވެ؟

ބައިވެރިޔާގެ އުނި ސިފަތައް ގިނަވެގެން އައު ބައިވެރިން ހޯދަން ދުވާ ބައެއް މީހުން އެތައްބައިވަރު ކައިވެނިކުރާއިރުވެސް އޭނާ ބޭނުންވާ ފަދަ ބައިވެރިއަކު ލިބޭ ކަމަކަށް ނުވެއެވެ. ނުވެސް ވާނެއެވެ! ވީމާ ބައިވެރިޔާގެ ކިބައިގައި ހުރި އުނި ސިފަތައް ގުނަން ފެށުމުގެ ކުރިން ފުރަތަމަ ގުނަންވީ ތިމާގެ ކިބައިގައި ހުރި އުނިސިފަތަކެވެ. އެކަން ނުކުރާ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހޭ ބައިވެރިއަކު ނުލިބޭނެއެވެ.

ބައެއް މީހުންނަށް ހީކުރެވެނީ ކޮންމެ ނިޢްމަތެއްވެސް ހުރިހާ ތަނަކުންވެސް ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ސުވަރުގެއިން ދެއްވަވާނެ އެއްވެސް ނިޢްމަތެއް ދުނިޔެއިން ހޯދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެއެވެ.

މީސްތަކުންނޭވެ! އެދޭ ހުރިހާ ކަންކަން ޙާޞިލުވާނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. ވީމާ އެންމެންވެސް ގަދައަލައި މަސައްކަތް ކުރަންވީ ސުވަރުގެ ޙާޞިލުކުރުމަށެވެ. ސުވަރުގެއިން އެއްވެސް ޙާޞިލުކުރަން ބޭނުންވެއްޖެ ނަމަ އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހޭނެއެވެ. އޮންނާނީ ހަމައެކަނި ހިތަށް އެކަމެއް އަރުވައިލުމެވެ. މިއަށްވުރެ ބޮޑު ނިޢްމަތެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟  

ނަމަވެސް ހިތާމައަކީ މިކަމުގެ ޙަޤީޤަތަށް ވިސްނުމެއް ނެތި ދުނިޔެއިން ހުރިހާ ނިޢްމަތްތަކެއް ޙާޞިލުކުރަން މަސައްކަތް ކުރެވޭ ކަމެވެ. އެގޮތަށް އަވަދިނެތި މަސައްކަތްކުރާ ގިނަ މީހުންނަށް މަރާއި ބައްދަލުކުރަން ޖެހެނީވެސް އެދޭ ގިނަ ކަންތައްތަކެއް ޙާޞިލު ނުކުރެވި ހުއްޓައެވެ. ދުނިޔެ ހޯދަން އަވަދި ނެތި އުޅެން ހަދައިގެން އާޚިރަތަށް ތައްޔާރު ނުވެވި ހުއްޓައެވެ! އެފަދަ މީހުންނަށް ދުނިޔެ ދޫކުރަން އެޖެހެނީ މިދުނިޔެ ވެސް ނުލިބިއެވެ. އާޚިރަތް ހޯދޭނެ ގޮތެއްވެސް ނެތިއެވެ.  

ވީމާ ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ވަގުތުކޮޅު ކިތަންމެ އާދައިގެ ފެންވަރެއްގައި އުޅެން ޖެހުނު ނަމަވެސް ކަންބޮޑުނުވާށެވެ! އެދުވަހެއްގެ ފުރާޤް އެދުވހަކަށް ލިބިފައިވާ ނަމަ ތިމާއަކީ އެންމެ މުއްސަނދި މީހާ ކަމަށް ޤަބޫލުކުރާށެވެ! ވީހައި ގިނަ ވަގުތު، އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ. އެއިރުން އެމީހަކަށް ނުލިބޭނެ އެއްވެސް ނިޢްމަތެއް ނުއޮންނާނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން