ދެމަފިރިން ދިރިއުޅެމުން ތިއަ ގެންދަނީ ނުހަނު އުފަލުގައެވެ. އަނބިމިހާ ތިބާއަށް ނުލާހިކު ރަނގަޅެވެ. ވަފާތެރިއެވެ. ލޯބިދެއެވެ. ހުރިހާ މަސައްކަތެއްވެސް ކޮށްދެއެވެ. ބޭނުންވާހައި ޚިދުމަތްތަކެއްވެސް ކޮށްދެއެވެ.
އެކަމަކު އެވަރުންވެސް ހިޔްނުފުރޭ ބައަކު އުޅެއެވެ. އަނބިމީހާ އެހާރަނގަޅު އިރުވެސް އޭނާއަށް އެބަ މަކަރުހަދައެވެ. ވައްކަންކުރެއެވެ. ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެކަމުން ހަމައެކަނި ފާފަވެރިވަނީއެއް ނޫނެވެ. ހެޔޮލަފާ ބައިވެރިޔާގެ ހިތްމަރައިލެވެނީއެވެ. ލިބޭ މާޔޫސްކަމުގައި ވަކިވެގެންދަނީއެވެ.
އެއިރުން އެވަނީ ކިހިނަކުން ހެއްޔެވެ؟ އެކުރެވުނު ކަމަކީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި އެންމެ ބޮޑު ނިޢުމަތް އަމިއްލައަށް ނަގައިލެވުނީއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢުމަތަށް ފުރަގަސްދެވުނީއެވެ. އެއީ ފޫބެއްދޭނެ ދެރައެއް ނޫނެވެ. ގިނަ ފަހަރު އޮންނަނީ ޢުމުރަށްވެސް ހިތާމަކުރަންޖެހިފައެވެ.
އަހުރެންގެ މިނަޞީޙަތް ރައްދުކުރަން ބޭނުންވަނީ ހަމައެކަނި ފިރިންނަކަށްވެސް ނޫނެވެ. މިތަނުގައި މިތިބީ ޒުވާން ފިރިހެނުންކަމަށްވުމުން ފިރިންނަށް އަމާޒުކުރީއެވެ. މިކަންކަމަށް އަނބިންވެސް ހަމަ މިގޮތަށް ވިސްނައި ރައްކައުތެރިވާންވާނެއެވެ. ދެރަގޮތެއް މެދުވެރިވެއްޖެނަމަ ބޮޑަށް ހިތާމަކުރަންޖެހެނީވެސް އަނބިންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން