ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއަކީ ކާމިޔާބު މީހަކަށްވުމަށެވެ. މައްސަލައަކަށްވެފައި އޮންނަނީ އެކަމަށް މަސައްކަތްކުރެވޭ މިންވަރެވެ. މަސައްކަތް ކުރެވޭ ގޮތެވެ. އަދި ކާމިޔާބީ ޢާއިމެދު ވިސްނޭ ގޮތެވެ.
ކާމިޔާބު މީހަކަށްވުމުގެ ދައްކާއިރަށް ގިނަ ބައަކަށް ވިސްނެނީ އެއީ ހަމައެކނި ފިރިހެނުންގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ އަދި ރަނގަޅު ވިސްނުމެއް ނޫނެވެ. ފިރިހެނުން ފަދައިން އަންހެނުންނަށްވެސް ކާމިޔާބު މީހުންނަށްވެވޭނެއެވެ.
ކާމިޔާބު މީހުންގެ ކިބައިން ފެންނާނެ ބައެއް ސިފަތައް-
1 ކޮންމެހެން ވަޤުތު ހޭދަކުރަން ނުޖެހޭ މީހުންނާއިއެކު ވަޤުތު ހޭދަކުރުން މަދުކޮށް އެކަނި ވަޤުތު ހޭދަކުރުން ގިނަކުރާނެއެވެ. އެއީ އެހެން މީހުން ދެކެ ރުޅިއަކުން ނޫނެވެ. ތިމާއަށް ފައިދާހުރި ކަންކަމަށް ވިސްނަން ފަސޭހަވާނެތީއެވެ. އެކަމަށް ވަޤުތު ބޭނުންވާތީއެވެ.
2 މީހުން ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުކުރާނެއެވެ. އަދި ޢަމަލުކުރަން މަސައްކަތްކުރާނެއެވެ.
3 ތިމާގެ ވަށައިގެން ހިނގާ ކަންކަމަށް ވިސްނާނެއެވެ. އެކަމަކުން ތިމާއަށް ގެއްލުން ލިބޭނެ ކަންކަން ދެނެގަނެ އެކަންކަމާއި ދުރުހެލިވާނެއެވެ. އެކަމަކުން ތިމާއަށް ފައިދާއެއް ނުކުރާނެ ކަންކަން ކުރަން މަސައްކަތެއް ނުކުރާނެއެވެ. އަދި ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެއީ ތިމާއަށް ފައިދާހުރި ކަމެއްކަން ދެނެގަންނަން މަސައްކަތްކުރާނެއެވެ.
4 ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވިނަމަވެސް މާޔޫސްވެގެނެއް ނުއުޅޭނެއެވެ. މަސައްކަތްކުރާނީ އެކަމަކުން އަރައިގަނެވޭނެ މަގެއް ހޯދާށެވެ.
މި 4 ސިފަ ތިބާގެ ކިބައިގައި އަށަގަންނުވާށެވެ! ކާމިޔާބު މީހަކަށްވުމަށް ކުރާ މަސައްކަތަށް އެހީތެރިވެދޭނެއެވެ. އިން ޝާ ﷲ
- މިއަދުނޫސް