ރަސޫލް ޞޢވ ގެ އަނބިކަނބަލުން ޞަފިއްޔަތުގެފާނުގެ ވާހަކަ- 1: ރަސޫލާ ﷺ ގެ މައްޗަށް އެކަމަނާގެ ބައްޕައާއި ބޮޑުބޭބެގެ ޙަސަދަވެރިކަން

ކިޔުމަށް ހޭދަވާނީ 4މ 33ސ
ރަސޫލް ޞޢވ ގެ އަނބިކަނބަލުން ޞަފިއްޔަތުގެފާނުގެ ވާހަކަ- 1: ރަސޫލާ ﷺ ގެ މައްޗަށް އެކަމަނާގެ ބައްޕައާއި ބޮޑުބޭބެގެ ޙަސަދަވެރިކަން

ޢަލީ އިޙްޞާން ފިރާޤް

 

އާ ދުވަހަށް އިރު އެރުމަށް މައްކާގެ އުދަރެސް ދޮންކޮށްފިއެވެ. އިރު އެރުމުގެ ކުރިން ދުނިޔެއަށް އަންނަ ހަމަހިމޭންކަމާއި، މަޑުއަލިކަން ދުނިޔެއަށް ފަތުރައިލައިފިއެވެ. ޖާހިލިއްޔަތާއި، ކުފުރާއި، ޝިރުކުގައި ޣަރަޤުވެފައިވާ މައްކާގެ ބިމަށް އަލިކަން ފެތުރެން ތައްޔާރުވަނީއެވެ. އިންތިޒާރު ކުރެވެމުންދިޔަ ނަބިއްޔާ ފާޅުވެއްޖެއެވެ. އާ ދުވަހަށް އިރުއަރައި، މުޙައްމަދިއްޔަ ނޫރުން މައްކާގެ ވާދީތައް އުޖާލާކޮށްފިއެވެ. ޖާހިލުންގެ މަރުވެފައިވާ ހިތްތަކަށާއި، ކަނުވެފައިވާ ލޯތަކަށާއި، ބީރުވެފައިވާ ކަންފަތްތަކަށް ތައުޙީދުގެ ނިދާ އިއްވަން ފައްޓަވައިފިއެވެ. މައްކާގެ މީސްތަކުންގެ ގާތަށް، ދީނަށް ގޮވައިލެއްވުމަށްޓަކައި ފޮނުއްވި ނަބިއްޔާ صلّى اللّـه عليه وسلّم ގެ ރިސާލަތަށް ބައިބަޔަށް މީސްތަކުން ވަންނަން ފައްޓައިފިއެވެ.

މައްކާގައި މިދެންނެވި އާދަޔާޚިލާފު ކަންތައްތައް ހިނގަމުންދާތާ ދެތިން އަހަރެއް ފާއިތުވެ ހިނގައްޖެއެވެ. ޔަޘްރިބުގައި ދިރިއުޅެމުންގެންދިޔަ ޔަހޫދީންގެ ޤަދަރުވެރި ޢާއިލާއެއްކަމުގައިވާ ޙުޔައްޔު ބިން އަޚްޠަބުއާއި، އޭނާގެ އަނބި ބައްރާއަށް ބޭފުޅަކު ލިބިވަޑައިގަންނަވަން ތައްޔާރުވެއްޖެއެވެ. ޙުޔައްޔު ބިން އަޚްޠަބަކީ ޔަޘްރިބުގައި ދިރިއުޅެމުންދިޔަ ޔަހޫދީ ޤަބީލާއެއްކަމުގައިވާ ބަނީ ނަޟީރު ޤަބީލާގެ ވެރިޔާއެވެ. އޭނާއަކީ ޔަހޫދީންގެ ފޮތްތަކުގައިވާ ޢިލްމުތައް އެންމެ ރަނގަޅަށް އުނގެނިގެންހުރި، އެބައިމީހުންގެ ޢިލްމުވެރިޔާއެވެ. އެބައިމީހުންގެ ތެރޭގައި އުފެދުނު ހިތްވަރުގަދަ ފަހުލަވާނެކެވެ. ޙުޔައްޔު ބިން އަޚްޠަބުގެ އަނބި ބައްރާއަކީ ޔަޘްރިބުގައި އުޅެމުންދިޔަ އެހެން ޔަހޫދީ ޤަބީލާއެއްކަމުގައިވާ ބަނީ ޤުރައިޡާ ޤަބީލާގެ މީހެކެވެ. އޭނާގެ ބައްޕައަކީ މަޝްހޫރު ޅެންވެރިއެކެވެ. ނަމަކީ ޝަމައުލް ބިން ޢާދިޔާއެވެ. ބައްރާގެ އަޚެއްކަމުގައިވާ ރިފާޢަތު ބިން ޝަމައުލް ބިން ޢާދިޔާއަކީވެސް މަޝްހޫރު މީހެކެވެ. 

ކޮންމެއަކަސް، ބައްރާ ދުވަސްފުރާ ފުރިހަމަވެ، ހަނދެއްފަދަ ރީތި ދަރިކަނބަލަކު ވިހައިފިއެވެ. އެ ދެމަފިރިން އެ ދަރިކަނބަލުންނަށް ދިން ނަމަކީ ޞަފިއްޔާއެވެ. އަރަހުށި މާތް الله ގެ ދީލަތިވަންތަކަމުން، އެ ދަރިކަނބަލުންނަށް ދެއްވާފައިވަނީ ނުހަނު ރީތި ބުރުސޫރަފުޅެކެވެ. ބުއްދިފުޅާއި ވިސްނުންފުޅު ދެއްވުމުގައިވެސްވަނީ ނުހަނު ދީލަތިވެވޮޑިގެންފައެވެ. އެ ދަރިކަނބަލުން ބޮޑުވަމުންދިޔަ ވަރަކަށް، ޙުޔައްޔު ބިން އަޚްޠަބާއި އޭނާގެ އަޚް ޔާސިރުގެ ސަމާލުކަން އެ ދަރިކަނބަލުންނަށް ހުއްޓެން ފަށައިފިއެވެ. އެ ދެމީހުން ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ފަހަރަކު، ޞަފިއްޔާ (ރަޟިޔަﷲ ޢަންހާ) އާ ވާހަކަދައްކައި، އެކަމަނާއާ ސަމާސާކޮށްފައި ނޫނީ އިތުރު ކަމެއް ނުކުރެއެވެ. އެ ދަރިކަނބަލުންގެ އުނގުފުޅަށް ޔަޘްރިބުގެ ބާއްޖަވެރި ހަނދު ވެއްޓޭނެކަމެއް، އޭރު އެއްވެސް މީހަކަށް ނޭނގެއެވެ. 

ޒަމާނުގެ ބުރު އެނބުރެމުންގޮސް، މާތް ރަސޫލާ صلّى اللّـه عليه وسلّم މައްކާ ދޫކުރައްވައި، މަދީނާއަށް ހިޖްރަކުރައްވައިފިއެވެ. މަދީނާ ނުވަތަ ޔަޘްރިބުގައި އޭރު އުޅެމުންގެންދިޔަ ޢަރަބި ޔަހޫދީންނަކީ، އެ ޒަމާނުގެ ފޮތުގެ އަހުލުވެރިންނެވެ. އެބައިމީހުންގެ ފޮތްތަކުގައި، ފަހުޒަމާނުގައި ފޮނުއްވޭނެ ރަސޫލު ބޭކަލެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެ ރަސޫލު ބޭކަލެއްގެ ސިފަފުޅުތަކާއި، ހިޖްރައަށް ވަޑައިގަންނަވާނީ ޔަޘްރިބަށް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ޙުޔައްޔު ބިން އަޚްޠަބާއި އޭނާގެ އަޚް އަބޫ ޔާސިރަކީ، އެ ޢިލްމުގެ ދެ މާހިރުންނެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރައަށް ވަޑައިގަތުމުން، މަދީނާގެ އެންމެން އެކަލޭގެފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ދިޔައެވެ. ޔަހޫދީންވެސް އެކަލޭގެފާނަކީ އެބައިމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ރަސޫލާކަން ކަށަވަރުކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އޭގެތެރޭގައި ޞަފިއްޔަތު ބިންތި ޙުޔައްޔުގެ ބައްޕައާއި ބޮޑުބޭބެ ހިމެނެއެވެ. 

އިބްނު ހިޝާމް ލިޔުއްވާފައިވެއެވެ. ޞަފިއްޔާ (ރަޟިޔަﷲ ޢަންހާ) ވިދާޅުވެފައިވެއެވެ. އަހަރެންނަކީ އަހަރެންގެ ބައްޕައާއި ބޮޑުބޭބެ އެންމެ ލޯބިވާ ދަރިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރައަށް ވަޑައިގެން ހުންނަވަނިކޮށް، އަހަރެންގެ ބައްޕައާއި ބޮޑުބޭބެ އެކަލޭގެފާނު ދެކެން ދިޔައެވެ. އެ ދެމީހުން ގެއިން ނުކުތީ، ފަތިސް ވަގުތާއި އިރުއެރުމާ ދެމެދުގެ ވަގުތެއްގައެވެ. އެ ދެމީހުން ދިޔައީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ ރަސޫލުކަމުގެ ދަޢުވާއަކީ ތެދެއްތޯ ބެލުމަށެވެ. 

ބައްޕައާއި ބޮޑުބޭބެ އެނބުރި އައިސް ގެއަށް ވަނީ، އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. ބަރު ފިޔަވަޅުތަކެއް އަޅަމުން، މަޑުމަޑުން ހިނގާފައި އައިސް އެ ދެމީހުން ގެއަށް ވަތްއިރު، މޫނުމަތިން ފެނުނީ ނުތަނަވަސްކަމެކެވެ. ކަންބޮޑުވުމާއި މޮޅިވެރިކަމެވެ. އަހަރެންނަކަށްވެސް އެއްވެސް ސަމާލުކަމެއް ނުދިނެވެ. 

އިރުކޮޅަކު ތިބެފައި ބޮޑުބޭބެ ބައްޕައާ ސުވާލުކޮށްފިއެވެ. [އެއީ ހަމަ އެކަލޭގެފާނު ހެއްޔެވެ؟] ބައްޕަ ބުނެފިއެވެ. [އާނއެކެވެ. އެއީ ހަމަ އެކަލޭގެފާނެވެ.] ބޮޑުބޭބެ ބުންޏެވެ. [ތިޔަހެން ތިޔަބުނީ ރަނގަޅަށް ބަލައި ކަށަވަރުކުރުމަށްފަހުގައި ހެއްޔެވެ؟] ބައްޕަ ބުންޏެވެ. [އާނއެކެވެ. ރަނގަޅަށް ބަލައި ކަށަވަރުކޮށްފައެވެ.] ބޮޑުބޭބެ އަނެއްކާވެސް އަހައިފިއެވެ. [ދެން ކަންތައްކުރާނީ ކިހިނެއް ހެއްޔެވެ؟] ބައްޕަ ބުންޏެވެ. [މަރުދުވަހަށް ދާންދެންވެސް، އަދާވާތްތެރިކަމާއި ދެކޮޅުވެރިކަމުގައި ދެމިހުންނާނީއެވެ] (މުބާރަކްޕޫރީ، 1996، ޞ 185).

މިއަދު އޮންލައިން