ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުން ދައްކުވައިދެނީ އެމަނިކުފާނުގެ ހިތުގެ ވިންދަކީ ޤައުމީ ވިންދުކަން: މަޖިލީހުގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުން ދައްކުވައިދެނީ އެމަނިކުފާނުގެ ހިތުގެ ވިންދަކީ ޤައުމީ ވިންދުކަން: މަޖިލީހުގެ ރައީސް

އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ޤައުމާއި ދީނުގެ ޙައްގުގައި ކުރެއްވި މަތިވެރި ޖިހާދުން ދައްކުވައިދެނީ އެމަނިކުފާނުގެ ހިތުގެ ވިންދަކީ ޤައުމީ ވިންދުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ބާރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޤައުމީ ދުވަސް ފާހަގަކުރުމަކީ ހަމައެކަނި އެ ދުވަހާ ގުޅިފައިވާ ތާރީޚީ ހާދިސާތަކުގެ ވާހަކަ ދެއްކުމާއި، ޤައުމީ ހެދުން އަޅައިގެން ކުޅިވަރު ކުޅުން ކަމުގައި ވާނަމަ އެ ދުވަސް ފާހަގަކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި މިފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު، އައްސުލްޠާން މުޙައްމަދު ތަކުރުފާނު ހިންގެވި މަތިވެރި މަގުން އަޅުގަނޑުމެން ހިނގާނެ ގޮތްތަކާމެދު ވިސްނައި، އެމަނިކުފާނުގެ ޢިބްރަތްތެރި ޙަޔާތްޕުޅުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އާރާއި ބާރާއި އަދި އަރާމު، ހަމަޖެހޭ ދިރިއުޅުމެއް އުޅުއްވުމުގެ ފުރިހަމަ ފުރުޞަތު އޮތް ނަމަވެސް، ބޮޑުތަކުރުފާނު ޤައުމާއި ދީނުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޤުރުބާނީއާއި ޖިހާދުން ސާބިތުވަނީ އެމަނިކުފާނަކީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުވެވަޑައިގެންފައިވާ ބަޠަލެއްކަން ކަމުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

އަދި ބޮޑުތަކުރުފާނުގެ މި މަތިވެރި ސިފަފުޅުތަކާއި ޤައުމީ ޚިދުމަތުގެ ޢަމަލުފުޅުތަކުން މިއަދުގެ ޒުވާން ޖީލާއި ދަރިވަރުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން