ހއ. ކެލާގެ ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ ރަށަކަށް ހެދުމަށްޓަކައި އެ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ފަށައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކެލާގައި ކުރިއަށްދާނެއެވެ. މި ބައްދަލުވުންތަކުގައި ކެލާ ކައުންސިލްގެ އިތުރުން އެ ރަށުގައި ހުރި މުހިންމު ހުރިހާ މުއައްސަސާތަކެއްގެ މަންދޫބުން ބައިވެރިވެއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތެވެ. އަދި ފަހު ދެ ދުވަހު ކުރިއަށްދާނީ ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީނު ކުރުމަށްޓަކައި ހިންގާ "ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމް" (ސާޓް) ގެ ތަމްރީނުތަކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެންޑީއެމްއޭގެ ޑިރެކްޓަރ ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ، ޙަސަން ޒިޔާއު ވިދާޅުވީ، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނަކީ ރަށްރަށުގެ ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރިއަށް ގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މީގެއިތުރުން، ސާޓް ތަމްރީން ލިބިފައިވާ ބަޔަކު ރަށުގައި ތިބުމަކީ ކުއްލި ކާރިސާއެއް ދިމާވާ ހިނދު ލިބޭ ގެއްލުން ކުޑަކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވެ ރައްޔިތުން ހޭލުންތެރި ކުރުވުމަށް "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ" (ސީބީއާރުބީ) ގެ ނަމުގައި އެންޑީއެމްއޭއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން، 2012 ވަނަ އަހަރުން ފެށިގެން އެ އޮތޯރިޓީން އަމަލުކުރަމުން އައި "ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް" (ސީބީޑީއާރުއެމް) ފްރޭމްވޯކް، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އިސްލާހުކޮށް، މިހާރު ވަނީ ސީބީއާރުބީ އަށް ބަދަލުކޮށްފައެވެ.