މީދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މީދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އައްޑޫ ސިޓީ މީދޫ އަވަށު ބޯޑުގެ ރައީސާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މީދޫގެ ގޮނޑުދޮށް ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށެވެ. އެގޮތުން ރަށުގެ ގިރާ ސަރަޙައްދުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގައި މީދޫން ބައިވެރިވެވިދާނެ ގޮތްތަކާއި، މި މަޝްރޫޢަށް އެ ރަށުން ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ސަރުކާރުން އިސްކަންދެނީ ރަށްރަށުގެ ތިމާވެށީގެ މައްސަލަތަކަށް ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށާއި، ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން